ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، މިއަދު ހެނދުނުން ފެށިގެން ގއ. އަތޮޅާއި، ގދ. އަތޮޅާއި، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ރަށްތަކަށް ބޯކޮށް ވާރޭވެހި އެކިވަރުގެ ގެއްލުންތައް ވެއްޖެއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، ދެކުނުގެ ރަށްތަކަށް ވިއްސާރައިގައި ލިބުނު ގެއްލުންތައް ރިޕޯޓްކުރުމާ ގުޅިގެން އެކަން ބަލަމުން އަންނަ ކަމަށެވެ. އެގޮތުން، އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން ކައުންސިލްތަކާއި، ދިވެހި ސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުންދާ ކަމަށް އެންޑީއެމްއޭއިން މައުލޫމާތުދެއެވެ. މިހާތަނަށް އައްޑޫ ސިޓީ ފޭދޫގެ 30 އަށްވުރެ ގިނަ ގެއަކަށް ފެންވަދެ ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
މީގެއިތުރުން، ޚާއްޞަ އެހީއަށް ބޭނުންވާ 2 މީހުން ހިމެނޭހެން 8 މީހުން ދިރިއުޅޭ ގެއެއްގައި ފެންބޮޑުވެ ދިރިނޫޅެވޭ ހާލަތަށް ދިއުމާ ގުޅިގެން، ކައުންސިލާ ގުޅިގެން އެ އާއިލާއަށް ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެއެވެ. އެހެންކަމުން ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.
އެމްއެންޑީއެފުން އިތުރަށް ބުނެފައިވަނީ، ދަތުރުކުރައްވާ ނަމަ އަންގަންޖެހޭ ފަރާތްތަކަށް އެންގެވުމަށް ފަހުގައި ނޫނީ ދަތުރު ނުކުރެއްވުމަށާއި، ދަތުރުކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރެއްވުމަށެވެ. އަދި މުދާ އުފުލާ އުޅަނދުފަހަރުން، މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރެއްވުމަށާއި ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށާއި، ދަތުރުވެރިން ލައިފްޖެކެޓް އެޅުއްވުމަށް ވެސް ވަނީ އެދިފައެވެ. މީގެއިތުރުން ޑައިވިންގ އަދި ވޯޓަރ ސްޕޯޓްސް އިންތިޒާމުކުރައްވާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވެ، ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ދެކުނުގެ އަތޮޅުތަކަށް ހެނދުނު ނެރުނު އޮރެންޖު އިންޒާރު، މިހާރު ވަނީ 18:00 އާއި ހަމައަށް ރީނދޫ ސަމާލަށް ބަދަލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!