އަޅުގަނޑުމެން އެންމެންނަކީ ޤައުމާމެދު އިޚްލާޞްތެރިކަމާއެކު ދެކޭ ބަޔަކަށް ވާންޖެހޭކަމަށާއި، ޢަމަލާއި ބަހުންވެސް އެކަން ދެއްކުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި، "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" އަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ދިވެހިރާއްޖޭގައި ނެތެމުންދާ އިޙްތިރާމް އަދާކުރުމުގެ ރިވެތި އާދަކާދަ އަލުން އިޔާދަކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ރައީސް ދެއްކެވި ވާހަކަފުޅުގައި، އިޙްތިރާމް އަދާކުރުމުގެ ރިވެތި އާދަ އަލުން އިޔާދަކުރުމަށްޓަކައި އަދުގެ ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތެރެއިން "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ފެށުމާ ގުޅުންހުރި ކަންކަން، ފާއިތުވި އާދީއްތަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ފާސްކުރައްވާފައިވާކަން ހާމަކުރެއްވިއެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މި މަޝްރޫޢު ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ނަމަވެސް، މި މަޝްރޫޢު ފެށުމަށްޓަކައި ތައްޔާރީތައް ވަމުން ދިޔައިރު، ސަރުކާރުގެ ފަރާތުން ދިން ދަޢުވަތު ޤަބޫލުކުރުމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ދެކޮޅު ހެދިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ސިޔާސީ އިދިކޮޅު ފަރާތްތަކުން މި ދަޢުވަތު ޤަބޫލުނުކުރުމަކީ ހިތާމަފުޅުކުރައްވާ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ޤައުމަށް ފައިދާ ކުރަނިވި ކަމެއްގައި ކޮންމެ ބަޔަކުވެސް އެކައްޗެއް ކިޔަންޖެހޭނެކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އެންމެންގެ ބައިވެރިވުމާއެކު އިޙްތިރާމް އަދާކުރުމުގެ މި ޤައުމީ މަޝްރޫޢު ކާމިޔާބުކޮށްދެއްވުމަށްވެސް ރައީސް ވަނީ އެންމެހައި ފަރާތްތަކަށް ގޮވާލައްވާފައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތުގެ އަލިކަން ލިބުނުތާ 900 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން ސަރުކާރުން ކުރިއަށްގެންދަވާ ބައެއް މަސައްކަތްތަކުގެ މަޢުލޫމާތުވެސް ހިއްސާކުރައްވާފައެވެ.
އެގޮތުން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މައި މަގުތަކުގައި، ނަސޭޙަތާއި ޛިކުރު ބޯޑުތައް ހަރުކުރުމުގެ ބޮޑު މަޝްރޫޢެއް ކުރިއަށްދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!