ދިވެހިރާއްޖޭގެ އުމްރާނީ އަދި އިޤްތިޞާދީ ތަރައްޤީއަށް ދިވެހި އިންޖިނޭރުންގެ ދައުރު ނުހަނު މުހިންމުކަމަށާއި، ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އިންޖިނޭރިންގ ދާއިރާއަކީ ހަމައެކަނި ދިވެހިން މަސައްކަތްކުރާ ދާއިރާއަކަށް ހެދުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީގައި މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިއަދު ފާހަގަކުރާ އިންޖިނޭރުންގެ ދުވަހާ ގުޅިގެން މުލީއާގޭގައި ބޭއްވެވި މި ބައްދަލުކުރެއްވުމަކީ ދާއިރާގައި ހުރި ގޮންޖެހުންތަކާއި ދަރިވަރުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށް ބޭއްވެވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ދަރިވަރުން ވަނީ ކިޔެވުމުގައާއި ޢަމަލީ މައިދާނުގައި ދިމާވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށްފައެވެ. އެގޮތުން ލެބޯޓަރީއާއި ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ނެތުމުގެ ސަބަބުން ޢަމަލީ ތަޖުރިބާ ހޯދުމަށް ހުރަސްތަކެއް ހުރިކަމާއި، އާކިޓެކްޗަރ ދަރިވަރުންނަށް ޚާއްޞަ ސްޓޫޑިއޯތައް ނެތުމުގެ އިތުރުން، ރާއްޖޭގައި އެ ދާއިރާއިން މާސްޓަރސް ފެންވަރަށް ކިޔެވޭނެ އިންތިޒާމު ނެތްކަން ދަރިވަރުން ފާހަގަކުރިއެވެ. މީގެއިތުރުން، ޤަވާއިދާ ޚިލާފަށް ބިދޭސީންނަށް ވަޒީފާގެ ފުރުޞަތުތައް ލިބެމުންދާތީ، ސަނަދު ލިބިފައިވާ ދިވެހި އިންޖިނޭރުންނަށް ވަޒީފާ ހޯދުމުގައި ހުރި ދަތިތައްވެސް ވަނީ ހިއްސާކޮށްފައެވެ.
ދަރިވަރުންގެ ވާހަކަތަކަށް އިޝާރާތްކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ސިޔާސަތެއްގެ ގޮތުގައި އިންޖިނޭރުންގެ ދުވަސް ފާހަގަކުރަން ނިންމެވީވެސް މި ދާއިރާއަށް ގިނަ ދިވެހިން ނެރުމުގެ ބޭނުމުގައި ކަމަށެވެ. އަދި ޒުވާން ދިވެހިން މި ދާއިރާއިން ކިޔަވައިގެން ނިކުތުމުން ވަޒީފާ ނުލިބޭންވީ ސަބަބެއް އޮވެގެންނުވާނެ ކަމަށާއި، ބިދޭސީންގެ ބަދަލުގައި ދިވެހިންނަށް ފަސޭހައިން ވަޒީފާ ލިބޭނެ ގޮތްތައް ހަމަޖައްސަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހައި އެޗީވާސް ސްކޮލަރޝިޕާއި ލޯނު ދިނުމުގައި އިންޖިނޭރިންގ ދާއިރާއަށް އިސްކަންދެއްވާނެ ކަމަށާއި، ޔުނިވަރސިޓީ ތެރެއިން ރަނގަޅު ތަޢުލީމީ ފުރުޞަތުތަކާއި ވަސީލަތްތައް ހަމަޖައްސަވައިދެއްވައި، ދާއިރާގެ ޤަވާއިދުތައް ހަރުދަނާކޮށް ތަންފީޒުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހަކީ ޤައުމީ ފެންވަރުގައި ފާހަގަކުރާ "ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް" ކަމުގައި ރައީސް މުޢިއްޒު ހަމަޖެއްސެވީ، ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ތާރީޚާ ގުޅުވައިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!