އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް އޮތް ބާރު ކުޑަކުރުމުގެ ގޮތުން، ހުޅުމާލެ ހޮސްޕިޓަލުގައި ސްޕެޝަލިސްޓް ތިން ޚިދުމަތެއް މިއަދު ފަށައިފިއެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި މިއަދު ފެށި މި ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ ގޭސްޓްރޯއެންޓެރޮލޮޖީ (ބަނޑާއި ގޮހޮރުގެ ބަލިތައް)، ނިއުރޮލޮޖީ (ނާރުގެ ބަލިތައް) އަދި ޔޫރޮލަޖީ (ކުޑަކަމުދާ ނިޒާމުގެ ބަލިތައް) ގެ ޚިދުމަތެވެ. މި ޚިދުމަތްތަކާއެކު އެ ހޮސްޕިޓަލުގައި ވަނީ ޚާއްޞަ ނިއުރޯ ސައިންސް ޔުނިޓެއްވެސް ހުޅުވާފައެވެ.

Ad
rt

މި ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައި، ނިއުރޯ ސައިންސް ޔުނިޓް ހުޅުއްވައިދެއްވީ ސިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީއެވެ.

ޚިދުމަތްތައް ފައްޓަވައިދެއްވުމަށްފަހު ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ވިދާޅުވީ، ހުޅުމާލޭގައި މި ޚިދުމަތްތައް ތައާރަފުކުރުމުގެ މައިގަނޑު ބޭނުމަކީ އައިޖީއެމްއެޗަށް އޮތް ބާރު ކުޑަކޮށް، ޚިދުމަތް ހޯދުމަށް އޮތް ވެއިޓްލިސްޓް ކުޑަކުރުން ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި، އަލަށް ހުޅުވި ނިއުރޯ ސައިންސް ޔުނިޓުން ދޭ އީއީޖީގެ ޚިދުމަތް ކޮންމެ ދުވަހެއްގެވެސް ރަސްމީ ގަޑިތަކުގައި ލިބެން ހުންނާނެއެވެ. އެގޮތުން މެންދުރު 2:00 އާ ހަމައަށް ނަންނޯޓް ކުރުމުގެ ފުރުޞަތު އޮންނާނެ ކަމަށާއި، އިމަޖެންސީ ހާލަތްތަކުގައި ކޮންމެ ވަގުތެއްގައިވެސް މި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ހުޅުމާލެ ހޮސްޕިޓަލަކީ ހުޅުމާލޭގައި ހުންން ސަރުކާރުގެ މައި ހޮސްޕިޓަލެވެ. މި ހޮސްޕިޓަލުން ދޭ ޚިދުމަތްތަކުގެ ތެރޭގައި 24 ގަޑިއިރުގެ އިމަރޖެންސީ (އީ.އާރު) ޚިދުމަތާއި، އެކި ބަލިތަކަށް ޚާއްސަ ޑޮކްޓަރުންގެ އޯޕީޑީ ޚިދުމަތާއި އަދި ލެބޯޓްރީ، ރޭޑިއޮލޮޖީ އަދި އެހެނިހެން ސިއްހީ ފަރުވާ ހިމެނެއެވެ.