ދުނިޔޭގެ މޫސުމަށް އަންނަ ބަދަލެއް ކަމަށްވާ "އެލް ނީނޯ" ގެ އަސަރުތަކާއެކު، ކުރިއަށް އޮތް ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ހޫނުމިން އާންމުކޮށް ހުންނަ މިންވަރަށްވުރެ މަތިވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީހުން) ލަފާކޮށްފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން އާންމުކުރި މޫސުމީ މައުލޫމާތުތަކާއި ޗާޓުތަކުން ދައްކާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވާރޭވެހޭ މިންވަރަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.

Ad
rt

މެޓް އޮފީހުން ބުނި ގޮތުގައި ކުރިއަށް އޮތް ތިން މަސްދުވަހު މުޅި ރާއްޖެއަށް ވެސް ހޫނުމިން އާންމު މިންވަރަށްވުރެ މަތީގައި ހުންނާނެ ކަމަށް ބެލެވެއެވެ. ރާއްޖޭގެ މޫސުމަށް މި ބަދަލުތައް އަންނަމުންދަނީ ގުދުރަތީ މޫސުމީ ބަދަލެއް ކަމަށްވާ އެލް ނީނޯގެ އާ މަރުހަލާއެއް ފެށުމާ ގުޅިގެން ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.

ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ މިންވަރަށް ބަލާއިރު، ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެމްބަރުގެ ނިޔަލަށް ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް، އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ ގިނައިން ވާރޭވެހޭނެ ކަމަށް މެޓުން ލަފާކުރެއެވެ. މީގެ ތެރެއިން ވެސް އެންމެ ގިނައިން ވާރޭވެހޭނެ ކަމަށް ދައްކަނީ ނ. އަތޮޅުން ފެށިގެން އއ. އަތޮޅާ ހަމައަށެވެ. ނަމަވެސް، ހުވަދު އަތޮޅުން ފެށިގެން އައްޑޫ އަތޮޅާ ހަމައަށް ދެކުނުގެ އަތޮޅުތަކަށް ވާރޭވެހޭނެ ކަމަށް ބެލެވެނީ އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ މަދުންނެވެ.

ރާއްޖެއަށް ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކުރޭ -- ފޮޓޯ: މެޓް އޮފީސް

ޕެސިފިކް ކަނޑުގައި އެލް ނީނޯގެ ބާރު މިހާރު ދަނީ ގަދަވަމުން ކަމަށް މެޓް އޮފީހުން ބުންޏެވެ. އެގޮތުން އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، އިރުމަތީ އިކުއެޓޯރިއަލް ޕެސިފިކް ސަރަހައްދުގެ ކަނޑުމަތީ ފަށަލައިގެ ހޫނުމިން ވަނީ އާންމު މިންވަރަށްވުރެ 2.0 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ގޮސްފައެވެ. އަދި ނީނޯ 3.4 ގެ އިންޑެކްސްއަށް ބަލާއިރު، އޮގަސްޓް މަހުގެ ތެރޭގައި މި މިންގަނޑު 1.8 ޑިގްރީ ސެލްސިއަސްއަށް އުފުލިފައިވާއިރު، އެލް ނީނޯގެ އެހެން ސަރަހައްދުތަކުން ވެސް ފެންނަނީ ހޫނުމިން ވަރަށް ބޮޑަށް މަތިވަމުންދާ ތަނެވެ. ކަނޑާއި ޖައްވުގެ ހާލަތުން ވެސް މިހާރު އަންގައިދެނީ އެލް ނީނޯގެ އަސަރުތައް ކަމަށް މެޓުން ފާހަގަކުރެއެވެ.

އެލް ނީނޯގެ ހާލަތު ގާތުން މޮނިޓާ ކުރަމުން އަންނަ ކަމަށް މެޓް އޮފީހުން ބުންޏެވެ. މި ބަދަލުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މޫސުމީ ނުރައްކާތެރި ހާދިސާތައް ހިނގުން އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭއިރު، ރާއްޖެއަށް ކުރާ މައިގަނޑު އަސަރުތަކުގެ ތެރޭގައި ކަނޑުގެ ލޮނުގަނޑު އާދަޔާ ހިލާފަށް ހޫނުވުމުގެ ސަބަބުން ފަރުތަކުގެ ދިރުމަށް ކުރާ ނޭދެވޭ އަސަރުތަކާއި ކުރިމަތިވާ ނުރައްކާތައް ހިމެނޭ ކަމަށް އެ އިދާރާއިން ބުންޏެވެ.

މީގެއިތުރުން، ވާރޭވެހޭ މިންވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށް ކުރިމަތިވާނެ ގޮންޖެހުންތަކާއި، ކަނޑުގެ ލޮނުގަނޑުގެ ހޫނުމިނަށް އަންނަ ބަދަލުތަކުގެ ސަބަބުން މަސްވެރިކަމަށް ކުރިމަތިވާނެ ގޮންޖެހުންތަކަށް ތައްޔާރުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.