އިސްރާއީލުގެ ޣައިރު ޤާނޫނީ ޢަމަލުތައް ހުއްޓުވައި، އެ ޤައުމުގެ މައްޗަށް ބައިނަލްއަޤުވާމީ ޤާނޫނުތައް ތަންފީޒުކުރުމަށް އެކަށޭނެ ފިޔަވަޅުތަކެއް އަޅާފައިނުވާތީ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ބައްދަލުވުމެއްގައި ދިވެހިރާއްޖެއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރާއްޖެއިން މިކަމަށް ކަންބޮޑުވުން ފާޅުކުރެއްވީ ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ޚާރިޖީ ވަޒީރުންގެ ފެންވަރުގައި މިއަދު ބޭއްވި އޯއައިސީގެ އެކްސްޓްރާއޯޑިނަރީ މީޓިންގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

މި ބައްދަލުވުމުގައި ދެއްވި ތަޤުރީރުގައި، އިސްރާއީލުން ފަލަސްތީނުގެ ބިންތަކަކީ އިސްރާއީލީ ދައުލަތުގެ މިލްކެއްކަމުގައި ނިންމައި، ފަލަސްތީނުގެ ބިންތައް ހިޞާރުކުރަމުންދާ މައްސަލަ ވަޒީރު އިރުތިޝާމް ވަނީ ކުށްވެރިކުރައްވާފައެވެ. އަދި އިސްލާމީ އުއްމަތުގެ ރިވެތި އުސޫލުތަކާއި ހަމަތައް ދެމެހެއްޓުމަކީ އޯއައިސީގެ މެމްބަރު ޤައުމުތަކުގެ ޒިންމާއެއްކަން ފާހަގަކުރައްވައި، ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތްތައް ފުޅާކުރުން މުހިންމުކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މިއީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރުގެ ހައިސިއްޔަތުން އޯއައިސީގެ ބައްދަލުވުމެއްގައި ވަޒީރު އިރުތިޝާމް ބައިވެރިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މި ބައްދަލުވުމުގައި، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފާއި އެމީހުންގެ ހައްޤުތައް ހޯދައިދިނުމަށާއި، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ޤާއިމުކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

މީގެއިތުރުން، ދެމެހެއްޓިނިވި ސުލްހައަކަށް އޮތް މަގެއްގެ ގޮތުގައި "ކޮމްޕްރިހެންސިވް ޕްލޭން ޓު އެންޑް ދަ ޤާޒާ ކޮންފްލިކްޓް" ތަންފީޒުކުރުމަށް ވަޒީރު އިރުތިޝާމް ވަނީ ގޮވާލައްވާފައެވެ. އަދި މި ބައްދަލުވުމުގެ ހަވާސާގައި އޯއައިސީގެ ބައެއް މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައި، އޯއައިސީ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަކީ 57 ޤައުމުގެ މައްޗަށް އެކުލެވިގެންވާ، ފަލަސްތީނުގެ ހައްޤުގައި އަބަދުވެސް ވަކާލާތުކުރަމުން އަންނަ ޖަމުޢިއްޔާއެކެވެ. ދިވެހިރާއްޖެއަކީ 1976 ވަނަ އަހަރު މި ޖަމުޢިއްޔާގެ މެންބަރަކަށް ވީއްސުރެ، އޯއައިސީގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ޤައުމެކެވެ.