އީރާނުގެ އެންމެ ބޮޑު ސޯލާ ޕަވާ ޕްލާންޓް ރަސްމީކޮށް ހުޅުވައިފިއެވެ.
މި ޕްލާންޓް ހުޅުވާފައިވަނީ ސަރުކާރު ހަފުތާގެ ދެވަނަ ދުވަހާ ދިމާކޮށް ބޭއްވި ރަސްމިއްޔާތެއްގައި، އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާންގެ ޙާޟިރުގައެވެ.
މި ވަސީލަތް ޤާއިމުކޮށްފައިވަނީ ތެހެރާންގެ ދެކުނު-އިރުމަތީގައި އޮންނަ، އެ ޤައުމުގެ އެންމެ ބޮޑު ސިނާޢީ ސަރަޙައްދު ކަމަށްވާ ޝަމްސުއާބާދު އިންޑަސްޓްރިއަލް ޓައުނަށް ކަރަންޓު ފޯރުކޮށްދިނުމަށެވެ.
އިރްނާ ނިއުސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރައީސް ޕެޒެޝްކިއާންގެ އިތުރުން އެނާޖީ މިނިސްޓަރު އައްބާސް އަލީއާބާދީ އަދި ސެންޓްރަލް ބޭންކުގެ ގަވަރުނަރު ޢަބްދުއްނާޞިރު ހިއްމަތީ ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ހުޅުވުނު މި ސޯލާ ޕްލާންޓުގެ ޖުމްލަ ކެޕޭސިޓީއަކީ 95 މެގަވޮޓެވެ. މިއީ 63 މެގަވޮޓާއި 32 މެގަވޮޓް ހިމެނޭ ދެ ބައެއްގެ މައްޗަށް އެކުލެވިގެންވާ ޕްލާންޓެކެވެ.
މި ސޯލާ ޕްލާންޓަކީ 147 ހެކްޓަރުގެ ބިމެއްގައި، ނުވަ މަސްދުވަހަށް ވުރެ ކުރު މުއްދަތެއްގެ ތެރޭގައި ތަރައްޤީކުރެވުނު ޕްރޮޖެކްޓެކެވެ. މި ޕްލާންޓުގެ ސަބަބުން، ދުވާލުގެ ވަގުތުތަކުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ ގަޑިތަކުގައި ޝަމްސުއާބާދު އިންޑަސްޓްރިއަލް ޓައުނަށް ބޭނުންވާ ކަރަންޓުގެ ބައެއް ފުއްދައިދެވޭނެއެވެ. މި ޕްލާންޓް ހުޅުވުމާއެކު، އީރާނުގެ ސޯލާ ހަކަތަ އުފެއްދުމުގެ ޖުމްލަ ޤާބިލުކަން މިހާރު ވަނީ ގާތްގަނޑަކަށް 5،500 މެގަވޮޓަށް އަރާފައެވެ.
"އަޅުގަނޑުމެންނަށް މި ދާއިރާއިން ރެކޯޑުތައް މުގުރާލެވި، މިހާރު ހުރި ވަސީލަތްތަކުން އަޅުގަނޑުމެންގެ ބޭނުންތައް ފުއްދޭނެ،" ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޕެޒެޝްކިއާން ވިދާޅުވެފައެވެ.
މީގެ އިތުރުން ސިނާޢީ ދާއިރާއަށް މެދުކެނޑުމެއްނެތި ކަރަންޓު ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވައި، އިއާދަކުރަނިވި ހަކަތައިގެ އެހީގައި ކަރަންޓު ކެނޑުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކާގައި ސެންޓްރަލް ބޭންކުގެ ގަވަރުނަރު ހިއްމަތީ ވިދާޅުވީ، ސާފު ހަކަތައަށް ބަދަލުވުމަށްޓަކައި ބޭނުންވާ ބޭރު ފައިސާއާއި ރިއާލް ފޯރުކޮށްދިނުމަށް މަރުކަޒީ ބޭންކު ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށެވެ. އަދި މިހާތަނަށް އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކަށް ސެންޓްރަލް ބޭންކުން 1.7 ބިލިއަން ޑޮލަރު ކަނޑައަޅާފައިވާ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ. އެނާޖީ މިނިސްޓަރު އައްބާސް އަލީއާބާދީ ވިދާޅުވީ ފެނާއި ކަރަންޓުގެ ދާއިރާއިން އީރާނަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ޤައުމެއް ކަމަށާއި، މިނިސްޓްރީގެ އަމާޒަކީ އިއާދަކުރަނިވި ހަކަތަ ފުޅާކޮށް، ގޭބިސީ ފެންވަރުގެ ޕަވާ ޕްލާންޓްތަކަށް ވާސިލުވުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!