ރާއްޖެއަށް ދިމާވެފައިވާ ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުވާނެ ކަމަށާއި، އިގްތިސޯދީ ކުރިއެރުމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޑޮލަރާ ގުޅޭ ސިޔާސަތުތައް ވަކި ގޮތްތަކަކަށް ބައްޓަންކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އަދި މީގެ ކުރިން ގާނޫނުގައި އޮވެގެން ތަންފީޒު ނުކުރެވި ހުރި ކަންކަން، ހަރުދަނާ އުސޫލުތަކެއްގެ ދަށުން ތަންފީޒުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

Ad
rt

ބޭރު ފައިސާގެ މައްސަލަތަކާ ގުޅިގެން ސިޔާސީ ބޭނުމުގައި އެކި ފަރާތްތަކުން ތަފާތު ވާހަކަތައް ދެއްކި ނަމަވެސް، އެ ފިޔަވަޅުތަކަކީ ގައުމުގެ އިގްތިސޯދީ ހާލަތު ރަނގަޅުކުރުމަށް މިވަގުތަށް ކޮންމެހެން އަޅަންޖެހިފައިވާ ރަނގަޅު ފިޔަވަޅުތަކެއް ކަމަށް އާންމު ރައްޔިތުން ގަބޫލުކުރާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މި މަސައްކަތްކުރަނީ އިގުތިޞާދު ކުރިއެރުުވުމަށް. އެހެންވީމަ އަޅުގަނޑުމެންނެއް ނުކުރާނަން އިގުތިޞާދީ ކުރިއެރުމަށް ހުރަސްއެޅޭ އެއްވެސް ކަމެއް. ދެންހަމަ ބޭރުފައިސާގެ ކަންކަމުގައި އެއަޅާ ފިޔަވަޅުތައްވެސް ހަމަޔަގީނުންވެސް އޭގެ ނަތީޖާތައް ރަނގަޅުވާނެ. ސިޔާސީ ބޭނުމެއްގަ ބައެއް ފަރާތްތަކުން އެކިކަހަލަ ވާހަކަތައް ދައްކަފާނެ. އެކަމު އޭގެ ނަތީޖާ ޖުމްލަކޮށް ވަރަށް ރަނގަޅުވާނެ،" އިގްތިސޯދީ ފިޔަވަޅުތަކާ މެދު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފަވެއެވެ.

ސަރުކާރުން އަޅާ ހުރިހާ ފިޔަވަޅުތަކަކީވެސް "ފެކްޓް ބޭސްޑް" ނުވަތަ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް އަޅާ ފިޔަވަޅުތަކެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެ ކަންކަން ނިންމަނީ އެތައް ދުވަހެއްގެ މަޝްވަރާއާއި ޓެކްނިކަލް އިވޭލުއޭޝަންތަކާއި ދިރާސާތައް ހެދުމަށްފަހު ކަމަށެވެ. އަދި ބޭރު ގައުމުތަކުގައި އެފަދަ ކަންކަން ކޮށްފައިވާ ގޮތްތައްވެސް ސަރުކާރުގެ ޓީމުތަކުން ބަލައި ދިރާސާކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މި ނިންމުންތަކާ މެދު އިތުރަށް ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ، "އަޅުގަނޑުމެން އެންމެނާވެސް މަޝްވަރާކޮށްގެން މިކަންތައްތައް މި ކުރިއަށްގެންދަނީ. އަޅާ ފިޔަވަޅުތައް ގާނޫނެއް ހެދިޔަސް އަދި ގާނޫނަކަށް އިސްލާހެއް ގެނަޔަސް މި ހުރިހާކަމެއްވެސް މި ކުރަނީ ފެކްޓް ބޭސްޑްކޮށް. އަޅުގަނޑުމެން ހަމަ ތިބެފަ ކަމެއް ނުކުރަން،" ކަމަށެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ސަރުކާރުން ގެންނަ ބަދަލުތަކާއި ގާނޫނުތަކަށް ގެންނަ އިސްލާހުތައް ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށްދަނީ ތައުލީމީ އަދި ފަންނީ ތަޖުރިބާކާރުންގެ ޓީމުތަކުން އެކުލަވާލާފައިވާ ހަރުދަނާ އުސޫލުތަކާއި ރަނގަޅު ޕްރޮސެސްއެއްގެ ތެރެއިން ކަމަށެވެ.