އެއްގަމު މަގުން އީރާނަށް އަރައިގަންނަ އެމެރިކާގެ ސިފައިން މަރާލާ ނުވަތަ ހައްޔަރުކުރާ ކޮންމެ މީހަކަށް 30،000 އެމެރިކާ ޑޮލަރުގެ މާލީ އިނާމެއް ދިނުމަށް އީރާނުގެ އަސްކަރިއްޔާއިން އިއުލާނުކޮށްފިއެވެ.

އީރާނުގެ ދައުލަތުގެ ނިއުސް އޭޖެންސީ (އިރްނާ) މެދުވެރިކޮށް މިކަން އިއުލާނުކުރައްވަމުން އީރާނުގެ އަސްކަރިއްޔާގެ ކޮމާންޑަރ-އިން-ޗީފް، މޭޖަރ ޖެނެރަލް އާމިރު ހާތަމީ ވިދާޅުވީ، އީރާނުގެ ބިމަށް އަރައިގަންނަ އެމެރިކާ ސިފައިންގެ މީހަކު ހައްޔަރުކޮށްފިނަމަ ނުވަތަ މަރާލައިފިނަމަ 30،000 ޑޮލަރު (ނުވަތަ 5 ބިލިއަން ތޯމާން) ގެ އިނާމެއް ދެވޭނެ ކަމަށެވެ.

Ad
rt

މީގެއިތުރުން ހާތަމީ ވިދާޅުވީ، މިފަދަ ހިތްވަރުގަދަ އަމަލެއް ހިންގާ އީރާނުގެ އަންހެނުންނަށް މި އިނާމު ދެގުނައަށް ބޮޑުކޮށް، 60،000 ޑޮލަރު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހާތަމީ އިތުރަށް ހާމަކުރެއްވި ގޮތުގައި މިފަދަ ފިޔަވަޅެއް އަޅަން ނިންމީ ގައުމުގެ ދިފާއުގައި މާލީ ގޮތުންނާއި އަމަލީ ގޮތުން ބައިވެރިވުމަށް އެދި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ ގިނަ އަދަދެއްގެ އެދުންތަކާ ގުޅިގެންނެވެ.

އީރާނަށް އަރައިގަންނަ ސިފައިންނާ ދެކޮޅަށް މިފަދަ އިނާމެއް އިއުލާނުކޮށްފައިވީ ނަމަވެސް، މިހާތަނަށް އެމެރިކާގެ ފުރިހަމަ އެއްގަމު ސިފައިންގެ ފައުޖެއް އީރާނުގެ އެތެރޭގައި ހަރަކާތްތެރިވަމުން ނުދެއެވެ. ނަމަވެސް، މީގެކުރިން ވެއްޓުނު އެމެރިކާގެ މަތިންދާބޯޓެއްގެ ޕައިލެޓު ސަލާމަތްކުރުމަށް ހިންގި ކުއްލި އޮޕަރޭޝަން ފަދަ މަދު އަސްކަރީ ހަރަކާތްތަކެއް ހިންގާފައިވެއެވެ.

އެމެރިކާގެ އަސްކަރިއްޔާގެ ސިފައިން މަރާލައި ނުވަތަ ހައްޔަރުކުރާ ކޮންމެ މީހަކަށް 30،000 އެމެރިކާ ޑޮލަރު ގެ ފައިސާގެ އިނާމެއް ދޭނެކަން އީރާނުގެ އަސްކަރިއްޔާއިން މިއަދު އިއުލާނުކޮށްފިއެވެ.

މިފަދަ އަމަލެއް ހިންގަނީ އަންހެނެއް ނަމަ އެ އިނާމުގެ ދެގުނަ ދޭނެކަމަށް އިރާނުން ވަނީ ބުނެފިއެވެ.

ހާތަމީ ވަނީ އެމެރިކާ ސިފައިން މެދުއިރުމަތި ދޫކޮށް ދިއުމަށް އީރާނުގެ ގޮވާލުން ތަކުރާރު ކުރައްވާފައެވެ. އަދި ޕާޝިއަން ގަލްފާއި، ގަލްފް އޮފް އޮމާން ނުވަތަ ހޮރުމުޒް ކަނޑުއޮޅިއަށް ވަނުމުގެ ހުއްދަ ދެން އެމެރިކާއަށް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް ދިން ހަމަލާތަކާއެކު ފެށުނު މި ހަނގުރާމައިގައި މިހާތަނަށް އެމެރިކާގެ 17 ސިފައިން ވަނީ މަރުވެފައެވެ.