ޒުވާނުންގެ ދުވަހާއި ގުޅިގެން ހއ. މޮޅަދޫގައި ރުއް އިންދުމު ބޮޑު ހަރަކާތަކާއެކު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މޮޅަދޫ ކައުންސިލްގެ ރައީސް އަބުދުލް މުޙްސިން ''ތިލަދުން'' އަށް ވިދާޅުވީ މި ރުއް އިންދުމުގެ ހަރަކާތުގައި ދިގުމިނުގައި 4000 އެއްހާ ފޫޓު ހުންނަ އެރަށުގެ ތުނޑީމަގުގެ ދެ އަރިމަތީގައި ހުރި ރުއްތަކުގެ ތެރެއިން ބަލިކޮށް ހުރި ރުއްތައް ނަގައި، އައު ރުއް އިންދާފައިވާކަމަށެވެ.
އެ ރުއްތައް ބެލެހެއްޓުމުގެ މަސައްކަތް، ހަމަޖެހިފައި އޮތް އުޞޫލާއެކު ކުރިއަށް ދާނެ ކަމަށާއި ރުއްތައް ހިމާޔަތް ކުރުމަކީ ނުހަނު އިސްކަންދޭ ކަމެއްކަމުގައި މޮޅަދޫ ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.
ޒުވާނުންގެ ދުވަހާއި ގުޅުވައިގެން މޮޅަދޫގައި ބޭއްވި ރުއް އިންދުމުގެ ބޮޑު ހަރަކާތުގެ ތެރެއިން، ފޮޓޯ: މޮޅަދޫ ކައުންސިލް
ރުއް އިންދުމުގެ ހަރަކާތުގެ އިތުރުން ވެސް ޒުވާނުންގެ ދުވަހާއި ގުޅުވައިގެން އެރަށުގައި ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިކަން މޮޅަދޫ ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.
މޮޅަދޫ ކައުންސިލާއި، އެ ރަށުގެ ޒުވާނުން ގުޅިގެން ކުރިއަށް ގެންދިޔަ އެކުވެރިކަމާއި ފޯރިއާއި ޖޯޝް ފެނުނު މި ހަރަކާތައް ކުރިއަށްދިޔަ ދުވަސް ފެށިގެން ދިޔައީ " ކޮފީ ވިތު ޔޫތު" ގެ ނަމުގައި ބަނދަރުމަތީގައި ޒުވާނުންގެ ގުޅުން އާލާކޮށް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލި ކޮފީއަކުންނެވެ. މި ކޮފީގައި ޒުވާނުންގެ އިތުރުން ކައުންސިލްގެ ސްޓާފުން ވެސް ބައިވެރިވެފަވެއެވެ.
ޒުވާނުންގެ ދުވަހާއި ގުޅުވައިގެން މޮޅަދޫގައި ކުރިއަށް ގެންދިޔަ ކޮފީ ވިތިު ޔޫތު ހަރަކާތުގެ ތެރެއިން، ފޮޓޯ: މޮޅަދޫ ކައުންސިލް
ކޮފީއަށްފަހު، ރަށުގެ ބަނދަރު ސާފުކުރުމުގެ ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެއަށްފަހު ރޭގަނޑު އޮތީ ކަރޯކޭއާއެކު، ޒުވާނުންގެ ބާބަކިޔުއެއް ކަމަށް ވެސް ކައުންސިލްގެ ރައީސް މުހުސިން ވަނީ މައުލޫމާތު ދެއްވާފައެވެ.
ޒުވާނުންގެ ދުވަހާއި ގުޅުވައިގެން މޮޅަދޫގައި ކުރިއަށްގެންދިޔަ ޒުވާނުންގެ ބާބަކިއު، ފޮޓޯ: މޮޅަދޫ ކައުންސިލް
"ޒުވާނުންގެ ދުވަހުގެ ޚަރަކާތްތައް ނިންމާލި އިރު، ޖެހިގެން އޮތީ ޤައުމީ ދުވަސް. ޤައުމީ ދުވަހުގެ މުނާސަބާގައި މި ރަށުގައި ކަނބަލުންގެ ވޮލީ މެޗެއް ކުރިޔަށް ގެންދެވުނު." މުޙުސިން ވިދާޅުވިއެވެ.
ޒުވާނިންގެ ދުވަހާއި ގުޅުވައިގެން މޮޅަދޫގައި ވަނީ ވޮލީ މެޗެއް ވެސް ބާއްވާފައި، ފޮޓޯ: މޮޅަދޫ ކައުންސިލް
މޮޅަދޫއަކީ ވަރަށް ބަދަހި މުޖުތަމައެއް އޮންނަ އެކުވެރި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!