މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރާ ސާހިލް އަލީގެ ޝަރީއަތުގެ އަޑުއެހުންތައް ނިމި, އެއް މަސް ތެރޭގައި ހުކުމް އިއްވަން ހަމަޖައްސައިފި އެވެ.
ޏ. ފުވައްމުލަކަށް ނިސްބަތްވާ ޝިއާއު މުހައްމަދު ސައީދު 2022 ވަނަ އަހަރު މަރާލުމަށްފަހު، އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ތުހުމަތުގައި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ނިންމާލީ މިދިޔަ ހަފުތާގަ އެވެ.
އެ މައްސަލަތަކުގެ ހުކުމް އެއް މަސް ތެރޭގައި އިއްވާނެ އެވެ.
އެ މައްސަލަތަކުގެ ޝަރީއަތް ކުރިއަށް ގެންދަނީ ވެސް ސިއްރުކޮށްގެންނެވެ.
ސާހިލްގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލިއިރު, އެ މައްސަލާގައި އޭނާގެ މައްޗަށް ކުރި ފަސް ދައުވާގެ ތެރެއިން ދެ ދައުވާއެއް ސާބިތުވާތީ އޭނާ ތިން އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ.
އެ މައްސަލަތައް އިސްތިއުނާފްކުރަން ސާހިލްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި ނަމަވެސް އެ މައްސަލަތައް ބަލައިނުގަތުމަށް ހައި ކޯޓުން ކުރިން އޮތީ ނިންމައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!