ހއ. އުތީމުގައި ޤައުމީ ފެންވަރުގައި ވިދިވިދިގެން ދެ އަހަރު ޤައުމީ ދުވަސް ފާހަގަކޮށްދެއްވައި، އުތީމު މަހާރަދުންނާ ގުޅުންހުރި މުހިންމު ދެ މަޝްރޫޢެއް އެ ރަށުގައި ނިންމަވައިދެއްވާފައިވާތީ އުތީމު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު، ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު އަދާކުރައްވައި، ވަރަށް ބޮޑަށް ތަޢުރީފް ކުރަށްވައިފިއެވެ.

ހޮނިހިރު ދުވަހު އުތީމުގައި ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވީ، އުތީމުގެ ތާރީޚުގައި ރަންއަކުރުން ފަވަައިލެވޭނެ އެއް ޙަޤީޤަތަކީ، އެ ރަށުގައި ޤައުމީ ފެންވަރުގައި ވިދިވިދިގެން ދެ އަހަރު ޤައުމީ ދުވަސް ފާހަގަކޮށްދެއްވި ހަމައެކަނި ރައީސަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމުގައެވެ. އަދި އެއީ އުތީމު ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅެއް ކަމަށާއި، މިއީ އެމަނިކުފާނަކީ ވެވަޑައިގަންނަވާ ވަޢުދުފުޅުތައް ފުއްދަވާ ބޭފުޅެއްކަމުގެ ފުރިހަމަ ދަލީލެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Ad
rt

މީގެއިތުރުން، ވިދިވިދިގެން ދެ އަހަރު ޤައުމީ ދުވަސް ރަސްމީކޮށް ފާހަގަކޮށްދެއްވުމުގެ އިތުރަށް، ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދުގެ ލަޝްކަރާއި ހައިބަތު ރަމްޒުކޮށްދިނުމަށް "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި" އާއި، އެތަކުރުފާނުގެ ޒިކުރާ އާލާކޮށް ޢާންމުންނަށް ފަސޭހައިން މަޢުލޫމާތު ލިބޭނެ ގޮތަށް ކަނދުވަލު މިސްކިތް ސަރަޙައްދުގައި "ވާހަކަވަލެއް" ތަރައްޤީކޮށް ނިންމަވައިދެއްވާފައިވާކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

ޢަބްދުﷲ ރަޝީދު ވިދާޅުވީ މި ނޫނަސް އުތީމަށް ރައީސް މުޢިއްޒު ވެވަޑައިގެންފައިވާ އިތުރު ވަޢުދުފުޅުތައް ''ރަނުންރަނަށް'' ފުއްދަވައިދެއްވާނެ ކަމާމެދު އޭނާގެ ކުޑަވެސް ޝައްކެއް ނެތް ކަމަށެވެ. އަދި އެކަމުގެ ފުރިހަމަ ޔަޤީންކަމާއި އުއްމީދުގައި ކައުންސިލާއި ރައްޔިތުން ތިބިކަމަށް އޭނާ ވިދާޅުވެފަވެއެވެ.

"ހިޔަހާސް ފަށުން ވިޔަނުވާހާ ގިނަގުނަކޮށް ޝުކުރިއްޔާ ރައީސް!" އޭނާ ވިދާޅުވެފަވެއެވެ.