އެމެރިކާއިން އީރާނާ ދެކޮޅަށް ނިއުކްލިއާ ބޮމެއް ބޭނުންކޮށްފިނަމަ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތައް އީރާނުގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް އީރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން އިންޒާރު ދީފިއެވެ.
މި އިންޒާރާއެކު އައިއާރުޖީސީން ވަނީ މިއަދުގެ މަޝްރަހަކީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރާ މުޅިން ތަފާތު މަޝްރަހެއްކަން ފާހަގަކޮށްފައެވެ.
އައިއާރުޖީސީގެ ބަޔާނުގައި ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރާއި މިހާރުގެ އަސްކަރީ އުސޫލުތަކުގެ ތަފާތަށް އަލިއަޅުވާލާފައިވެއެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އަސްކަރީ ބާރު ބިނާވެފައިވަނީ ސިނާއީ އުފެއްދުންތެރިކަމާއި، ސީދާ ކުރިމަތިލުންތަކުގެ މައްޗަށް ކަމަށްވިޔަސް، މިއަދުގެ އަސްކަރީ އުސޫލުތައް ބިނާވެފައިވަނީ އެސިމެޓްރިކް ނުވަތަ ސީދާ ނޫން ގޮތްގޮތުން ދޭ ހަމަލާތަކާއި ތަފާތު ދާއިރާތަކުން ކުރިމަތިކުރުވާ ހުރަސްތަކުގެ މައްޗަށްކަން އައިއާރުޖީސީ ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، ދުރުރާސްތާ ބެލިސްޓިކް މިސައިލާއި، އަންމޭންޑް އޭރިއަލް ވެހިކަލް (ޑްރޯން)، ސައިބަރ ހަމަލާތައް އަދި ސަރަހައްދީ ނެޓްވޯކްތައް ބޭނުންކޮށްގެން އެމެރިކާގެ އަމާޒުތަކަށް ނުރައްކާކުރުމުގެ ގާބިލުކަން އީރާނަށް ލިބިފައިވާކަން އައިއާރުޖީސީން ފާހަގަކުރެއެވެ. ކުރީގެ ހަނގުރާމަތަކާ ހިލާފަށް، މިހާރުގެ ޒަމާނީ ވަސީލަތްތަކާއެކު އެމެރިކާގެ ދާއިމީ އަސްކަރީ ބޭސްތަކަށް ކުރިމަތިވެފައިވާ ނުރައްކާތައް ބޮޑުވެފައިވާ ކަމަށްވެސް އައިއާރުޖީސީން ބުނެއެވެ.
މިފަދަ އިންޒާރުތަކެއް ދީފައިވީ ނަމަވެސް، މެދުއިރުމައްޗާއި ދުނިޔޭގެ އެކި ސަރަހައްދުތަކުގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަކީ ތޭޑް އާއި ޕެޓްރިއޮޓް ސިސްޓަމްތައް ފަދަ ޒަމާނީ ދިފާއީ ނިޒާމުތަކުން ރައްކާތެރިކުރެވިފައިވާ ތަންތަންކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!