ކަސްޓަމަރުންނަށް މުދަލުގެ އަގުތަކާ ބެހޭ މަޢުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ހަދާފައިވާ "އަގުމަގު" ޕޯޓަލްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ހުރިހާ ފިހާރަތަކަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މަޢުލޫމާތުދޭ ގޮތުގައި، މި ޕޯޓަލްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެތައް ހާސް ކަސްޓަމަރުންނަކަށް، ފިހާރަތަކުގައި ހުރި މުދަލުގެ އަގުތަކާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ. މީގެ ސަބަބުން ވިޔަފާރިވެރިންނަށް އެ ބޭފުޅުންގެ މުދާ އިޝްތިހާރުކުރުމަށާއި، ކަސްޓަމަރުންނަށް ބޭނުންވާ ތަކެތި ހުރި ތަންތަނާއި އަގުތައް ބަލާލުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

Ad
rt

އަގުމަގު ޕޯޓަލްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުޞަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ. މި ޕޯޓަލްގައި ރަޖިސްޓްރީވުމަށްޓަކައި ކަނޑައެޅިފައިވާ ކިޔުއާރު (QR) ކޯޑު ސްކޭންކޮށްލައިގެން ނުވަތަ ރަޖިސްޓްރީވުމަށް ޚާއްޞަކުރެވިފައިވާ ލިންކު https://agumagu.trade.gov.mv/store-onboarding މެދުވެރިކޮށް ވަރަށް ފަސޭހައިން ކުރިއަށް ގެންދެވޭނެ ކަމަށްވެސް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

މި ޕޯޓަލުން ފެންނަގޮތުގައި 16 އަޮޅެއްގެ 224 ވިޔަފާރިއެއް މިއަދާއި ހަމައަށް (12 އޯގަސްޓް 2026) މި ޕޯޓަލްގައި ވަނީ ރަޖިސްޓަރީ ވެފައެވެ. މިތަންތަނުން އަދި ހިމަނާފައި ވަނީ 117 ބާވަތެއްގެ އަގެވެ.

މީގެ ތެރެއިން އެންމެ ގިނައިން ރަޖިސްޓަރީ ވެފައި ވަނީ 77 ތަން ރަޖިސްޓަރީވެފައިވާ ވެރިރަށް މާލެއިންނެވެ. ދެ ވަނަ އަށް އެންމެ ގިނައިން މި ޕޯޓަލްގައި ވިޔަފާރިތައް ރަޖިސްޓަރީ ވެފައި ވަނީ 22 ތަނާއެކު ހއ.އަތޮޅުންނެވެ. ތިން ވަނައަށް ފުވައްމުލަކު ސިޓީ (18 ތަން)، ހަތަރު ވަނަ އަށް އައްޑޫ ސިޓީ (14 ތަން) އަދި ފަސް ވަނަ އަށް ޅ. އަތޮޅު (13 ތަން) ވަނީ ރަޖިސްޓަރީ ކޮށްފައެވެ.

މި ޕޯޓަލްގައި މިއަދާއި ހަމައަށް ބޮޑުތިލަދުންމަތިން ހއ. އަތޮޅުގެ 22 ތަނެއް ރަޖިސްޓަރީކޮށްފައިވާއިރު، ހދ. އަތޮޅުން ރަޖިސްޓަރީކޮށްފައި ވަނީ 11 ތަނެކެވެ. އަދި މިއަދާއި ހަމައަށް ށ. އަތޮޅުން ތަނެއް ރަޖިސްޓަރީކޮށްފައިވާކަމަކަށް ނުދައްކައެވެ.