ދުނިޔޭގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހޮރްމުޒް ކަނޑުއޮޅީގައި އަތުރާފައިވާ ކަނޑުގެ މައިންތައް ނައްތާލައި، ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވިލާތުގެ ގައުމުތަކަށް އެ ފުރުސަތު ދިނުމަށް އީރާނުން ވިސްނަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މިއީ މީގެ ކުރިން މިފަދަ ކަންކަމުގައި އީރާނުން ގެންގުޅުނު ހަރުކަށި ސިޔާސަތަށް އައި ބޮޑު ބަދަލެއްގެ ގޮތުގައި ބެލެވެއެވެ.

ބްލޫމްބާގުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސިއްރު ޑިޕްލޮމެޓިކް މަޝްވަރާތަކެއްގައި އީރާނުގެ އޮފިޝަލުން ވަނީ ވިލާތުގެ އަސްކަރީ މަނަވަރުތަކުން މައިން ނެގުމުގެ މަސައްކަތުގައި ބައިވެރިވުމަށް މިހާރު ހުރަހެއް ނެތްކަމުގެ އިޝާރާތެއް ދީފައެވެ. މި ފިޔަވަޅަކީ މުދާ އުފުލާ ކުންފުނިތަކާއި އިންޝުއަރެންސް ކުންފުނިތަކަށް އޮތް ބިރުވެރިކަން ކުޑަކޮށް، އިތުބާރު ހޯދުމަށް ކުރެވޭ މަސައްކަތެކެވެ.

Ad
rt

ވިލާތުގެ ސަރުކާރުތަކުން ވަނީ މައިން ނައްތާލުމުގެ އެހީތެރިކަން ދިނުމަށް ތައްޔާރަށް ތިބިކަން ހާމަކޮށްފައެވެ. ނަމަވެސް، އެ ގައުމުތަކުން ޝަރުތު ކުރަނީ އީރާނުން އެއްވެސް ހަމަލާއެއް ނުދޭނެ ކަމުގެ ސާފު ސެކިއުރިޓީ ގެރެންޓީއެއް ދިނުމަށެވެ. މީގެ އިތުރުން، އީރާނުން މި މަސައްކަތުގައި ބައިވެރިވުން ބިނާވެފައިވަނީ ދެމެހެއްޓެނިވި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގެ މައްޗަށެވެ.

މި ނިންމުމަށް އީރާނުގެ ސިޔާސީ މައިދާނާއި އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ތެރޭގައި ވަނީ ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. ބައެއް ފަރާތްތަކުން ވަކާލާތު ކުރަނީ މައިން ނެގުމުގެ ހުރިހާ ބާރެއް އޮންނަންވާނީ ހަމައެކަނި އީރާނުގެ އަތްމަތީގައި ކަމަށެވެ. އެހެންކަމުން، މިކަމަށް ފަހުގެ ހުއްދަ ލިބޭނެ ކަމާމެދު އަދި އޮތީ ސުވާލު އުފެދިފައެވެ.

އޮމާން އާއި އެމެރިކާ ބައިވެރިވާ ފުޅާ ދާއިރާއެއްގެ މަޝްވަރާތަކުގައި އެންމެ ބޮޑު ހުރަހަކަށް ވެފައިވަނީ އެ ސަރަހައްދުގެ ކަނޑުގެ ދަތުރުފަތުރު ބެލެހެއްޓުމާއި ފީ ނެގުމުގެ ބާރު އީރާނަށް އޮތުމެވެ. އީރާނުން އެ ބާރުތައް ހޯދުމަށް ބާރުއަޅަމުންދާއިރު، ވޮޝިންޓަނުން ދަނީ އެކަމާ ދެކޮޅު ހަދަމުންނެވެ.