މިއަހަރު ނިމުމުގެ ކުރިން ހޯރަފުށީގައި އިސްލާމީ މަރުކަޒު އަޅަން ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެންބަރު ޢަލީ މޫސާ، އެ ރަށު އިސްލާމީ މަރުކަޒުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީޚެއް އޮޅުން ފިލުއްވުމަށް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ހޯރަފުށީގައި އިސްލާމީ މަރުކަޒެއް ގާއިމުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ މަޝްރޫޢެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ އެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އިރުޝާދު ދެއްވާފައި ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މިހާރު ކުރިއަށްދަނީ މަރުކަޒުތައް ޑިޒައިން ކުރުމުގެ މަރުޙަލާއެވެ. މިފަހަރުގެ ޑިޒައިންތައް ބައްޓަން ކުރަނީ އެ ރަށަކާ ގުޅޭ، ޚަރަދު ކުޑަ އަދި ބޭނުންވާ މިންވަރަށް ޖާގަ ހިމެނޭ ގޮތަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ ކުރިން ބައެއް ރަށްރަށުގައި ބޭނުންވާ މިންވަރަށް ވުރެ ބޮޑެތި މަރުކަޒުތައް ބިނާކުރުމުގެ ސަބަބުން، އެ ތަންތަން ބެލެހެއްޓުމުގައި ކައުންސިލްތަކަށާއި ރައްޔިތުންނަށް ތަކުލީފުތަކާ ކުރިމަތިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިސާލަކަށް 2000 މީހުން، 3000 މީހުންނަށް ނަމާދުކުރެވޭ ވަރަށް ޖާގަ ހަދާފައި، އެކަމަކު ނަމާދަށް އެ ތަނަކަށް އެހާ ގިނަ މީހުންނެއް ނާރާ. އެއް ސަފު ނުވަތަ ބައި ސަފު އޮންނަނީ. އެހެންވީމާ އޭގެ އެންމެ މުނާސަބު ގޮތެއް ނޫން އެއީކީ،" ޝަހީމް ވިދާޅުވިއެވެ.
ހޯރަފުށީ އިސްލާމީ މަރުކަޒުގެ ކުރެހުން ތައްޔާރުކުރުމަށް މިހާރު ވަނީ އިޢުލާނުކޮށްފައެވެ. ވަޒީރު ވިދާޅުވީ ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ކުރެހުންތައް ނިމޭނެ ކަމަށާއި، ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!