ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް އަންނަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ރޭ ނިންމައިފި އެވެ.
ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި މި ތާރީހު ހުށަހެޅުއްވީ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
މި ތާރީހާ މެދު ގައުމީ މަޖިލީހުގައި ބަހުސް ކުރިއިރު ބައެއް މެންބަރުން ވަނީ ހިޔާލު ތަފާތުވުން ފާޅުކުރައްވާފަ އެވެ. ބައެއް މެންބަރުން ދެކެވަޑައިގަންނަވާ ގޮތުގައި، ގައުމީ މަޖިލީހުގެ ދައުރު ސެޕްޓެމްބަރު 25 އަށް ހަމަވާތީ، ކޮންގްރެސް ބޭއްވުން އެންމެ ރަނގަޅީ އެ އިންތިހާބަށް ފަހުގަ އެވެ. ނަމަވެސް، ރައީސް ނަޝީދު ވިދާޅުވީ ކޮންގްރެސް ކުރިން ބާއްވަން ހުށަހެޅުއްވީ ޕާޓީގެ އަސާސީ ގަވާއިދަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ގައުމީ މަޖިލީހުގެ އެކުލެވުން ބަދަލުކުރުން ހިމެނޭތީ ކަމަށެވެ.
މި ހުށަހެޅުން ފާސްވީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ތިއްބެވި 63 މެންބަރުންގެ ތެރެއިން 52 މެންބަރުންގެ ވޯޓުންނެވެ.
ޕާޓީގެ ގޮފިތަކާ ގުޅޭ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް
ކޮންގްރެސްގެ ތާރީހުގެ އިތުރުން، އެމްޑީޕީގެ ގޮފިތަކާ ގުޅޭ ގަވާއިދަށް ގެނައި މުހިންމު އިސްލާހުތަކެއް ވެސް ރޭ ވަނީ ފާސްކޮށްފަ އެވެ. އެގޮތުން، ދާއިރާ ގޮތްޕެއް އުފެއްދުމުގައި އެ ދާއިރާއަކަށް ނިސްބަތްނުވާ މީހުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. މަގުޗާޓު ކޮމިޓީން ހުށަހެޅި މި ބަދަލު ފާސްވީ 53 މެންބަރުންގެ ވޯޓުންނެވެ.
މި ބަދަލާއެކު، ދާއިރާ ގޮތްޕެއް އުފެއްދުމަށް އެ ދާއިރާއަކުން ބޭރުގެ މީހުންގެ 30 އިންސައްތަ ހިމެނޭ ގޮތަށް ގޮފި އުފެއްދޭނެ އެވެ. ކުރިން އޮންނަ ގޮތުން ދާއިރާ ގޮތްޕެއް އުފެއްދެނީ ހަމައެކަނި އެ ދާއިރާއަކަށް ނިސްބަތްވާ މެންބަރުން ހިމަނައިގެންނެވެ. ދާއިރާ ގޮތްޕެއް އުފެއްދުމަށް ބޭނުންވާ 50 މީހުންގެ ސޮއިގެ އުސޫލަށް ބަދަލެއް ނުގެނައި ނަމަވެސް، ފިކުރީ ގޮފިތައް އުފެއްދުމަށް ބޭނުންވާ މެންބަރުންގެ އަދަދު ވަނީ 50 އިން 100 އަށް އިތުރުކޮށްފަ އެވެ.
އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު 19 ގައި ބާއްވަން ނިންމާފައިވާއިރު، ސަރުކާރު ހިންގާ ޕީއެންސީގެ ކޮންގްރެސް ވެސް އެ މަހުގެ 15 އިން 18 އަށް ބޭއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!