ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްކަމުގެ މަޤާމަށް، މއ.އެރަލްސީ، އަޙްމަދު މަމްދޫހް މިއަދު ޢައްޔަން ކުރައްވައިފިއެވެ.
އަޙްމަދު މަމްދޫހް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނައިބު ރައީސްކަމުގެ މަޤާމުގެ ހުވައިކުރެއްވީ މިއަދު ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މަމްދޫހަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައިލާދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުއެވެ.
ސްރީލަންކާގެ ޔުނިވަރސިޓީ އޮފް ކެލަނިޔާއިން ބެޗްލަރސް ޑިގްރީ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވާފައިވާ މަމްދޫހަކީ ސަރުކާރާއި ދައުލަތުގެ އެކި މުއައްސަސާތަކުގައި އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.
މީގެ ކުރިން މަމްދޫހް އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ނައިބުކަމާއި، މޯލްޑިވްސް ރޯޑް ޑިވެލޮޕމަންޓް ކޯރޕަރޭޝަން (އެމް.އާރް.ޑީ.ސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާއި އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމު ހިމެނެއެވެ.
އޭނާ އެންމެ ފަހުން ހުންނެވީ މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ކުރިއަށްގެންދާ ބައެއް މަޝްރޫޢުތަކުގެ ކޮންސަލްޓަންޓެއްގެ ގޮތުގައެވެ. އޭނާ މާލޭ ސިޓީ ކައުންސިލްގައި ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްފެއްޓެވީ ރައީސް މުޢިއްޒުގެ މޭޔަރުކަމުގައެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލަކީ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން އުފައްދާފައިވާ، ވަޒީފާގެ މައްސަލަތައް ބަލައި ގޮތް ނިންމުމުގެ އިޚްތިޞާޞް ލިބިގެންވާ މުއައްސަސާއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!