ކ. ހިންމަފުށީގައި ހިނގި މާރާމާރީއަކާ ގުޅިގެން މިސްރަށް ނިސްބަތްވާ ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، ހިންމަފުށީގައި ބަޔަކު މީހުން މާރާމާރީ ހިންގާ ކަމުގެ ރިޕޯޓު 19 ޖުލައި 2026 ވަނަ ދުވަހުގެ ރޭ 19:24 އެހައިކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިސްރަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ. މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ މީހުން ދެ ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ފުލުހުން ބުނި ގޮތުގައި، މި މައްސަލައާ ގުޅިގެން ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށް، ބަލަންޖެހޭ ކަންކަން އެ ޚިދުމަތުން ވަނީ ބަލާފައެވެ. އަދި ތަހުގީގަށް ހޯދިފައިވާ ހޯދުންތަކަށް ރިއާޔަތްކޮށް، މި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުން ރާއްޖެއިން ފުރުވާލުމަށްފަހު، އަނބުރާ ރާއްޖެ ނާދެވޭނެ ގޮތް ހެދުމަށް (ޑީޕޯޓް ކުރުމަށް) މޯލްޑިވްސް އިމިގްރޭޝަނަށް މިހާރު ވަނީ ހުށަހަޅާފައެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!