އެކުވެރި ދައުލަތްތަކުގެ (އދ. - ޔޫއެން) ދެން އަންނަ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އައްޔަންކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންފުޅުވާ ކަމަށް ނިއުޔޯކް ޕޯސްޓުން ރިޕޯޓްކޮށްފިއެވެ.
އަންގާރަ ދުވަހު ނިއުޔޯކް ޕޯސްޓުން މިކަން ހާމަކޮށްފައިވަނީ ރައީސް ޓްރަމްޕާ ގާތް ގުޅުމެއް އޮންނަ މަސްދަރަކާ ހަވާލާދީއެވެ. އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިންފަންޓީނޯއަކީ މުޅި ދުނިޔޭގެ އިހުތިރާމް ލިބިފައިވާ، އަދި މީހުން އެއްބައިވަންތަ ކުރުވުމުގެ ހާއްސަ ގާބިލުކަމެއް ލިބިފައިވާ ބޭފުޅެއް ކަމަށް ޓްރަމްޕް ގަބޫލުފުޅު ކުރައްވައެވެ.
އުމުރުން 56 އަހަރުގެ އިންފަންޓީނޯ ވަނީ މިއަހަރު ބޭއްވި ވޯލްޑް ކަޕްގެ ތެރޭގައި ރައީސް ޓްރަމްޕާ ވަރަށް ގާތް ގުޅުމެއް އުފައްދަވާފައެވެ. މި ގުޅުމުގެ ތެރެއިން، މިދިޔަ ޑިސެމްބަރު މަހު ފީފާއިން އަލަށް ތައާރަފްކުރި "ޕީސް ޕްރައިޒް" ވެސް އިންފަންޓީނޯ ވަނީ ޓްރަމްޕަށް އަރުވާފައެވެ.
ޔޫއެންގެ މިހާރުގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ ދައުރު ހަމަވުމުން، އާ ސެކްރެޓަރީ ޖެނެރަލްގެ ފަސް އަހަރުގެ ދައުރު ފެށޭނީ 1 ޖެނުއަރީ 2027 ގައެވެ. ޔޫއެންގެ ޗާޓަރުގެ 97 ވަނަ މާއްދާގައިވާ ގޮތުން، ސެކްރެޓަރީ ޖެނެރަލް އައްޔަންކުރާނީ ސަލާމަތީ މަޖިލީހުގެ ލަފާގެ މަތިން އާންމު މަޖިލީހުންނެވެ. އެހެންކަމުން، އިންފަންޓީނޯއަށް މި މަގާމު ލިބިވަޑައިގަންނަވާނީ ސަލާމަތީ މަޖިލީހުގެ 15 މެންބަރުންގެ ތާއީދު ލިބިގެންނެވެ. މީގެ ތެރޭގައި ދާއިމީ ފަސް މެންބަރުންގެ ތެރެއިން އެއްވެސް ގައުމަކުން "ވީޓޯ" ނުކުރުން ހިމެނެއެވެ. އދ،ގެ ދާއިމީ ފަސް މެމްބަރުންނަކީ އެމެރިކާގެ އިތުރުން، ރަޝިޔާ، ޗައިނާ، ފްރާންސް އަދި އިނގިރޭސިވިލާތެވެ.
ރައީސް ޓްރަމްޕަކީ ޔޫއެންގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. ދުނިޔޭގެ ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި ޔޫއެން ނުކުޅެދިފައިވާ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވެއެވެ. މިދިޔަ އަހަރު ޓްރަމްޕް ވަނީ "ބޯޑް އޮފް ޕީސް" އެއް އުފައްދަވާފައެވެ. މިއީ ޔޫއެންގެ ބަދަލުގައި ބޭނުންކުރަން އުފެއްދެވި ތަނެއް ކަމަށް އަޑުފެތުރުނު ނަމަވެސް ޓްރަމްޕް ވަނީ އެކަން ދޮގުކުރައްވާފައެވެ. އަދި އެތަން ވައިގައި ހިފާގޮތް ވެސް ވަނީ އަދި ނުވެފައެވެ.
މިދިޔަ އަހަރު އަލުން ވެރިކަމަށް ވަޑައިގަތުމަށްފަހު، ޓްރަމްޕް ވަނީ ޔޫއެންއަށް އެމެރިކާއިން ދޭ ފައިސާ ވަރަށް ބޮޑަށް މަދުކުރައްވާފައެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ފަދަ ޔޫއެންއާ ގުޅުންހުރި ބައެއް ޖަމިއްޔާތަކުން އެމެރިކާ ވަނީ ވަކިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!