ކުޅުދުއްފުށީ ސިޓީގެ ރައްޔިތުން މޫދަށް އެރުމަށާއި ހިތްއުފާކޮށްލުމަށް ތަރައްޤީކޮށްފައިވާ ބޯޒިޔާރަތް ބީޗުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ޖަހާފައިވާ ޖިއޯ ބޭގްތަކަށް ބަޔަކު ގަސްދުގައި ގެއްލުންދީފިއެވެ.
މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޯޒިޔާރަތް ބީޗްގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ޖަހާފައިވާ ޖިއޯ ބޭގްތަކަށް ތޫނު އެއްޗެހި ބޭނުންކޮށްގެންނާއި، ބޭގުތަކުގެ މަތީގައި ސައިކަލް ދުއްވައިގެން ގެއްލުންދީފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރެއިން މަދު ބަޔަކު ހިންގާ މިފަދަ ނާތަހުޒީބު އަމަލުތަކުގެ ސަބަބުން އޭގެ ގެއްލުން ވެގެންދާނީ މުޅި ރައްޔިތުންނަށް، އެހެންކަމުން މިފަދަ ކަންކަމާއި ދުރުހެލިވެ ދިގު މުއްދަތަކަށް ބޭނުންކުރުމަށް މިތަންތަން އޮންނާނޭހެން ހުރިހާ ރައްޔިތުންވެސް އަމަލުތައް ބެހެއްޓުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް،" މޭޔަރު ވިދާޅުވިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން 3.7 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރި މި ބީޗް ރަސްމީކޮށް ހުޅުވާފައިވަނީ 27 ޑިސެމްބަރު 2025 ގައެވެ. މި ސަރަހައްދަކީ ފެހި، ހިތްގައިމު އަދި ގިނަ ޚިދުމަތްތަކެއް ލިބޭނެހެން ފަރުމާކޮށްފައިވާ ތަނެކެވެ. އެގޮތުން ކުޑަކުދިން ކުޅޭނެ ސަރަހައްދަކާއި، ފާޚާނާ ބަރިއަކާއި، ފީޑިން ރޫމްގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މޫދަށް ފޭބޭނެ ރޭމްޕެއްވެސް މިތަނުގައި ގާއިމުކޮށްފައިވެއެވެ.
މީގެ އިތުރުން، ބާބަކިއު ސަރަހައްދަކާއި، ފެމިލީ ހަޓްތަކާއި، އިވެންޓްތައް ބޭއްވުމަށް ހާއްސަ ޑެކެއްގެ އިތުރުން ޝަވަރ އޭރިއާތަކާއި ބެންޗުތައް ބަހައްޓައި، މުޅި ސަރަހައްދު ވަނީ އަލިކޮށްފައެވެ. މި ސަރަހައްދަށް "ބޯޒިޔާރަތް" މި ނަން ދެވިފައިވަނީ 1950 ގެ އަހަރުތަކުގައި އެ ސަރަހައްދަށް އިންސާނެއްގެ ބޯ ލެއްގުމުން، އެބޯ އެތަނުގައި ވަޅުލައި ޒިޔާރަތެއް ހަދާފައި ހުރުމާ ގުޅިގެންނެވެ.
މިފަދަ ބޮޑު ހޭދައެއްކޮށްގެން ރައްޔިތުންގެ ލާބައަށް ހަދާފައިވާ ތަންތަނަށް ގެއްލުން ނުދިނުމަށާއި، އެތަންތަން ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!