ޒަކާތު ފަންޑުގެ މާލީ އެހީތެރިކަމާއެކު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށްޓަކައި ތެލެސީމިއާ ހަ ކުއްޖަކު އިންޑިއާއަށް ފުރުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު ބުނެފިއެވެ.

މިއީ މި އަހަރުގެ ތެރޭގައި މި ފަރުވާ ހޯދުމަށް ރާއްޖޭން ބޭރަށް ފޮނުވާ ފުރަތަމަ ގްރޫޕެވެ.

Ad
rt

މީގެ އިތުރުން، އިދާރީ ކަންކަން ފުރިހަމަވުމުން އިތުރު ހަތަރު ކުއްޖަކު ފުރުމަށް ހަމަޖެހިފައިވާކަން ޒަކާތު ހައުސްއިން ވަނީ ހާމަކޮށްފައެވެ.

މި ކުދިން ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރާއި، ޒަކާތު ހައުސް އަދި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢަކީ އިސްލާމިކް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީއާ ދެމެދު ސޮއިކޮށްފައިވާ ފަހުމުނާމާގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. މިކަމަށްޓަކައި ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ މިދިޔަ މަހު ވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެން.އެސް.ޕީ.އޭ) އަށް ޖަމާކޮށްފައެވެ.

ބޯންމެރޯ ޓްރާންސްޕްލާންޓަކީ ތެލެސީމިއާ ބައްޔަށް އޮތް ހަމައެކަނި ދާއިމީ ފަރުވާއެވެ. މި ފަރުވާގެ ސަބަބުން ގަވާއިދުން ލޭ އެޅުން ހުއްޓާލެވި، ބަލިމީހާގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދެއެވެ.

2024 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޒަކާތު ފަންޑުން މި ފަރުވާއަށް 23 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

މިހާތަނަށް ޖުމުލަ 10 ކުއްޖަކު ވަނީ ޑޯނަރ މެޗިންގ މަރުހަލާ ފުރިހަމަކޮށް، ފަރުވާއަށް ފުރުމުގެ ހުއްދަ ހޯދާފައެވެ. ފުރަތަމަ ބުރުގައި ފުރާ ހަ ކުދިންގެ އިތުރުން، ބާކީ ތިބި ހަތަރު ކުދިން އާސަންދައިގެ ދަށުން އިންޑިއާގެ ހޮސްޕިޓަލްތަކަށް ފޮނުވުމުގެ އެންމެ ފަހުގެ އިންތިޒާމުތައް މިހާރު ދަނީ ކުރެވެމުންނެވެ.