ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގައި އިޒްރޭލުން ހަދާފައިވާ އާބާދުވުންތަކުން އުފައްދާ މުދާ އަޔަލޭންޑަށް އެތެރެކުރުން މަނާކުރާ ބިލެއް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އިއްޔެ ފާސްކޮށްފިއެވެ. މިއީ އިޒްރޭލާ ދެކޮޅަށް ވިލާތުގެ ގައުމަކުން މިހާތަނަށް އެޅި ވިޔަފާރީގެ އެންމެ ވަރުގަދަ ފިޔަވަޅެވެ.

އަންގާރަ ދުވަހު ފާސްކުރި މި ގާނޫނުގެ ދަށުން، ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ އިޒްރޭލުގެ ބޯޑަރުން ބޭރުގައި ހަދާފައިވާ އާބާދުވުންތަކުން އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތަކާއި، އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނާއި، އަދި ވިޔަފާރީގެ އެހެނިހެން އުފެއްދުންތައް އަޔަލޭންޑަށް އެތެރެކުރުން މަނާވާނެއެވެ.

Ad
rt

ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މެންބަރު ގައުމުތަކުގެ ތެރެއިން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ގައުމަކީ އަޔަލޭންޑެވެ. މީގެ ކުރިން ސްޕެއިނުން ވެސް ވަނީ މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން މިފަދަ ބައެއް ހުރަސްތައް ކުރިމަތިކުރަން ފަށާފައެވެ.

އަޔަލޭންޑުގެ ސަރުކާރުން ހާމަކުރި ގޮތުގައި، މި ނިންމުން ނިންމާފައިވަނީ 2024 ވަނަ އަހަރު ބައިނަލްއަގުވާމީ ކޯޓު (އައި.ސީ.ޖޭ) އިން ނެރުނު އިސްތިޝާރީ ލަފަޔަށް ރިއާޔަތްކޮށްފައެވެ. އެ ކޯޓުން ވަނީ އިޒްރޭލުން ހުޅަނގު އައްސޭރިއާއި، އިރުމަތީ ގުދުސް އަދި ގާޒާ ހިފާފައި އޮތުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށް ކަނޑައަޅާފައެވެ.

އަޔަލޭންޑަކީ ގާޒާގައި އިޒްރޭލުން ހިންގަމުންދާ އުދުވާނަށް އެންމެ ބޮޑަށް ފާޑުކިޔަމުންދާ އެއް ގައުމެވެ. އަދި އެ ގައުމުން ވަނީ 2024 ވަނަ އަހަރު ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގެންފައެވެ. މި ނިންމުމާ ގުޅިގެން އިޒްރޭލުގެ ފޮރިން މިނިސްޓަރު ގިޑިއޮން ސާރު ވަނީ އަޔަލޭންޑުން ގެންގުޅެނީ "އިޒްރޭލާ ދެކޮޅު ހައްދުފަހަނަޅާފައިވާ ސިޔާސަތެއް" ކަމަށް ތުހުމަތުކޮށް، ޑަބްލިންގައި ހުންނަ އިޒްރޭލުގެ އެމްބަސީ ބަންދުކުރުމަށް އަމުރުކޮށްފައެވެ.

މީގެ އިތުރުން، މިދިޔަ މަހު އަޔަލޭންޑުން ވަނީ އިޒްރޭލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާ ބެން-ގްވީރް އާއި ފައިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް އެ ގައުމަށް އެތެރެވުން މަނާކޮށްފައެވެ. އެއީ ގާޒާއަށް އެހީ ހިފައިގެން ދިޔަ "ގްލޯބަލް ސުމޫދު ފްލޮޓިލާ" ގައި ހަރަކާތްތެރިވި އެކްޓިވިސްޓުންނާ މެދު އެ ބޭފުޅުން އަމަލުކުރެއްވި ގޮތާ ގުޅިގެންނެވެ.

އަޔަލޭންޑުން ދަނީ 1995 ވަނަ އަހަރު އީޔޫ އާއި އިޒްރޭލާ ދެމެދު ވެފައިވާ ވިޔަފާރީގެ އެއްބަސްވުން އަލުން މުރާޖައާ ކުރުމަށް ވެސް ތަކުރާރުކޮށް ގޮވާލަމުންނެވެ.