ހއ. ވަށަފަރު ޒުވާނުންގެ ދައުވަތަކަށް ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވެފައިވާ ދިއްދޫ ޓީމުގެ މިއަދު އެރަށަށް ދަތުރެއްކޮށްފިއެވެ.

ބޮޑު ތިލަދުންމައްޗަށް ބޮޑު ޝަރަފެއް ހޯދައިދިން ދިއްދޫ ޓީމު ރަށަށް ދިޔައީ އިއްޔެއެވެ. އަދި އެޓީމު މިއަދު ވަނީ ދިއްދޫ ޓީމުގެ ކާމިޔާބީ ފާހަގަކުރުމަށް ވަށަފަރު ޒުވާނުންގެ ދައުވަތަކަށް އެރަށަށް ޒިޔާރަތްކޮށްފައެވެ.

Ad
rt

ދިއްދޫ ޓީމު ވަށަފަރަށް ދިޔުމުން ސަގާފީ ހެދުމުގައި ގައުމީ ވަންތަ ރޫޙް ދައްކުވައިދެމުން ވަށަފަރު ބަނދަރުމަތިން ޓީމަށް ވަށަފަރު ރައްޔިތުން ވަނީ ރަތް ދޫލައިގެ މަރުޙަބާއެއް ކިޔާފައެވެ.

ދިއްދޫ ޓީމަށް ވަށަފަރުން ރަތްދޫލައިގެ މަރުޙަބާއެއް ކިޔަނީ، ފޮޓޯ: ދިއްދޫ ސްޕޯޓްސް

މަރުޙަބާގެ ދަނޑި ޖެހުމުގެ އައިޓަމަކާއެކު، ޓީމަށް ޚާއްޞަ ސަޔެއް ވަށަފަރުގެ ރައްޔިތުންގެ ފަރާތުން ވަނީ ދީފައެވެ.

ދިއްދޫގެ ކާމިޔާބީގައި ބައިވެރިވެ ވަށަފަރުން އެރަށުގައި ބޭއްވި ހަރަކާތުގައި ވަށަފަރު ޒުވާނުންގެ ފަރާތުން އަހްމަދު ސާތިރު ދެއްކި ވާހަކާގައި ދިއްދޫ ޓީމަށް މަރުޙަބާ ކިޔައި ވަނީ ސާބަހާއި ހިތްވަރު ދީފައެވެ.

’’މިފަދަ ހަރަކާތެއް ހިންގުމުގެ ބޭނުމަކީ އެއްރަށުން އަނެއް ރަށް ހޯދާ ކާމިޔާބީ ފާހަގަކޮށް، އެފަރާތުން (ދިއްދޫ ޓީމުން) ހޯދި ކާމިޔާބީ ފާހަގަކުރުން، މިފަދަ ހަރަކާތްތައް އަތޮޅުގެ ރަށްތަކުގައި ގިނަގިނައިން ހިންގުމަކީ ވަށަފަރު ރައްޔިތުންގެ ކިބައިން އަޅުގަނޑު ވަރަށް ބޮޑަށް އެދޭކަމެއް’’ މަރުހަބާގެ ވާހަކަކޮޅުގައި ސާތިރު ބުންޏެވެ.

ދިއްދޫ ޓީމަށް މަރުޙަބާ ކިޔުމަށް ވަށަފަރުން ދަނޑީގެ އައިޓަމް ހުށަހަޅަނީ، ފޮޓޯ: ދިއްދޫ ސްޕޯޓްސް

ދިއްދޫ ޓީމު ހޯދި ކާމިޔާބީ އަކީ ހއ.އަތޮޅުގެ ރަށަކުން ފުޓްބޯޅައިން ހޯދި އެންމެ ފަހުޚުރުވެރި އެއް ކާމިޔާބީކަން ފާހަގަކޮށް، ދިއްދޫ ޓީމު ހއ.އަތޮޅަށް ހޯދައިދިން ޝަރަފަށާއި، ދިއްދޫ ރައްޔިތުންގެ މަސައްކަތަށް ވަށަފަރު ރައްޔިތުންގެ ފަރާތުން ޝާތިރު ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި މިހަރަކާތުގެ ސަބަބުން ދެރަށުގެ ގުޅުން އިތުރަށް ބަހިވެގެން ގޮސްފައިވާކަމަށް އޭނާ ވަނީ ބުނެފައެވެ.

މި ހަރަކާތުގައި ދިއްދޫ ޓީމުގެ ފަރާތުން ވާހަކަދައްކަމުން ބުނީ ވަށަފަރުން ދެއްކީ މުޅި ރާއްޖެ އަށް ވެސް ނަމޫނާއެއް ކަމަށެވެ. އެހެންވެ ވަށަފަރު ރައްޔިތުންނަށް ތަހުނިޔާއާއި ޝުކުރު ވަނީ ރައްދުކޮށްފައެވެ.

ތިން ރީޖަންގެ ޗެމްޕިއަން ބަލިކޮށް ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވި ދިއްދޫ ޓީމަށް ރަށުން ރަތްދޫލައިގެ މަރުޙަބާއެއް

’’ތިބޭފުޅުން ތި ދެއްކީ ވަރަށް ފުރިހަމަ ނަމޫނާއެއް، އަތޮޅުގެ ޓީމަކުން ހޯދާ ކާމިޔާބީއަށް އެހެންރަށަކުން ދައުވަތުދީގެން މި ގެނައި ގެނައުމަކީ، މި ފެށުނު ފެށުމަކީ މުޅި ރާއްޖެ މިކަން ނަމޫނާއަކަށް ބަލައިގެން މިކަން ކުރާނެކަމީ އަޅުގަނޑު ޝައްކުކުރާނެ ކަމެއްނޫން’’ ދިއްދޫ ޓީމުގެ ފަރާތުން ވާހަކަދައްކަމުން ބުނެފަވެއެވެ.

ދިއްދޫ ޓީމު ވަށަފަރުގައި، ފޮޓޯ: ދިއްދޫ ސްޕޯޓްސް

ވަށަފަރުގެ މި އިސްނެގުމުގެ ނަމޫނާ ފެށުމާއެކު، އަތޮޅުގެ އިތުރު ރަށަކުން ވެސ މިހާރު ވަނީ ދިއްދޫ ޓީމަށް ދައުވަތު ދީފައެވެ.

ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިވުމުގެ ޝަރަފް ހޯދާއި ތާރީޚުން ޖާގަ ހޯދި ބޮޑު ތިލަދުންމަތީގެ ފުރަތަމަ ރަށް ދިއްދޫއަކީ އަތޮޅުތެރޭގެ ޓީމުތައް ދިވެހި ޕްރިމިއާ ލީގުން ޖާގަ ދިނުމުގެ ފުރަތަމަ މަރުހަލާގައި ކުޅުނު ބީއޭއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ ހއ. އަތޮޅުގެ ޗެމްޕިއަން ޓީމެވެ. ދިއްދޫ އިން ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ޒޯން 1ގެ ރަނަރަޕްގެ މަގާމު ހޯދާފައިވާއިރު އެ ޓީމު ވަނީ ނޯތު ރީޖަނަލް ލީގުގެ ޗެމްޕިއަންކަން ހޯދާފައެވެ. ދިއްދޫ ނޯތު ރީޖަނަލްގެ ޗެމްޕިއަންކަން ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވުމުގެ ރެކޯޑަކާއެކުއެވެ.