ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވެފައިވާ ދިއްދޫ ޓީމު މިއަދު އެރަށަށް އައުމުން ރަތް ދޫލައިގެ މަރުޙަބާއެއް ކިޔައިފިއެވެ.

ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވެފައިވުމަށް ކުޅުނު ޕްލޭއޮފް މެޗުތަކުގައި ނޯތު ރީޖަން ދިއްދޫ ވަނީ ރާއްޖޭގެ އަނެއް ތިން ރީޖަންގެ ޗެމްޕިއަން ވެސް ބަލިކޮށްފައެވެ.

Ad
rt

މިގޮތުން 8 ޖޫންގައި ދިއްދޫ އިން ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ގދ. ގައްދޫ ބަލިކުރީ 1-0 އިންނެވެ. އަދި 16 ޖޫންގައި ދިއްދޫ އިން ސެންޓްރަލް ލީގު ޗެމްޕިއަން ހުރާ ބަލިކުރީ 3-1 ލަނޑުން ބަލިކޮށްފައިވާއިރު، 26 ޖޫން ގައި ވަނީ މާލޭ ރީޖަން ލީގު ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ކްލަބް 6-2 ލަނޑުން ބަލިކޮށްފައެވެ.

ދިއްދޫ ޓީމަށް ރަށުން ރަތްދޫލައިގެ މަރުޙަބާއެއް ކިޔަނީ، ފޮޓޯ: ބާރަލާ ސްޕޯޓްސް ކްލަބް

ދިއްދޫ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވެފައި ވަނީ 10 ޕޮއިންޓާއެކު ކޮލިފައިންގައި ޕޮއިންޓްގެ ގޮތުން އެއްވަރުވި ތިން ޓީމުގެ ތެރެއިން ހިމެނިގެންނެވެ. އަނެއް ދެ ޓީމަކީ ޓީސީ، ބިސް ބުރެވެ. ކޮލިފައިންގައި ދިއްދޫ ވަނީ ތިން މެޗުން މޮޅުވެ އެއް މެޗުން އެއްވަރުވެފައެވެ.

މި ކާމިޔާބީ އާއި އެކު ދިއްދޫ ޓީމު މިއަދު މެންދުރުފަހު އެރަށަށް ދިއުމުން ރަށުގެ މުއައްސަސާތަކާއި ރައްޔިތުން ނުކުމެ ވަނީ ރަތް ދޫލައިގެ ހޫނު މަރުޙަބާއެއް ކިޔާފައެވެ.

ދިއްދޫ ޓީމަށް ރަށުން ރަތްދޫލައިގެ މަރުޙަބާއެއް ކިޔަނީ، ފޮޓޯ: ބާރަލާ ސްޕޯޓްސް ކްލަބް

ދިއްދޫގެ މި ކާމިޔާބީގައި ދިއްދޫގެ ސަޕޯޓަރުންގެ ކިބައިން ފެނިގެން ދިޔަ ޖޯޝާއި ފޯރިއަކީ މި ފަހުގެ ތާރީޚެއްގައި ދިވެހި ޓީމަކަށް ދިން އެންމެ ފުރިހަމަ އެއް ސަޕޯޓުކަން ފާހަގަކޮށްލެވެއެވެ. މި ކާމިޔާބީގައި ދިއްދޫ ސަޕޯޓަރުން ވަނީ 12 ވަނަ ކުޅުންތެރިޔާގެ ޒިންމާ ވަރަށް ފުރިހަމައަށް އަދާކޮށްދީފައެވެ.

ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިވުމުގެ ޝަރަފް ހޯދާއި ތާރީޚުން ޖާގަ ހޯދި ބޮޑު ތިލަދުންމަތީގެ ފުރަތަމަ ރަށް ދިއްދޫއަކީ އަތޮޅުތެރޭގެ ޓީމުތައް ދިވެހި ޕްރިމިއާ ލީގުން ޖާގަ ދިނުމުގެ ފުރަތަމަ މަރުހަލާގައި ކުޅުނު ބީއޭއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ ހއ. އަތޮޅުގެ ޗެމްޕިއަން ޓީމެވެ. ދިއްދޫ އިން ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ޒޯން 1ގެ ރަނަރަޕްގެ މަގާމު ހޯދާފައިވާއިރު އެ ޓީމު ވަނީ ނޯތު ރީޖަނަލް ލީގުގެ ޗެމްޕިއަންކަން ހޯދާފައެވެ. ދިއްދޫ ނޯތު ރީޖަނަލްގެ ޗެމްޕިއަންކަން ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވުމުގެ ރެކޯޑަކާއެކުއެވެ.