ރާއްޖޭގައި ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ ފަތްކެޔޮ އިންދުމުގެ ޕްރޮގްރާމުގެ ދަށުން، ބޮޑު ތިލަދުންމަތީގެ 9 ރަށަކާއެކު ޖުމްލަ 11 ރަށަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދީފިއެވެ.
މި ޕްރޮގްރާމަކީ ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއު.ޑީ.ސީ) ތަކާ ގުޅިގެން މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ދަނޑުވެރިކަމާބެހޭ ވުޒާރާއިން ބުނިގޮތުގައި މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގެ ދަށުން ތަކެތި ފޯރުކޮށްދީފައިވަނީ ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކޮށް، މަސައްކަތުގެ ޕްލޭން ހުށަހަޅާފައިވާ ރަށްތަކުގެ ތެރެއިން ފުރިހަމައަށް މަޢުލޫމާތު ޙިއްސާކުރި ރަށްތަކަށެވެ. މިގޮތުން ފުރަތަމަ ބުރުގައި ޖުމްލަ 1865 ފަތްކެޔޮގަސް ވަނީ އެ ރަށްތަކަށް ފޯރުކޮށްދީފައެވެ.
ފުރަތަމަ ބުރުގައި ތަކެތި ފޯރުކޮށްދިން ރަށްތައް
މި ޕްރޮގްރާމުގެ ދަށުން ފަތްކެޔޮ މުޑުވައް އަދި ގަސްކާނާ ފޯރުކޮށްދީފައިވާ ރަށްތަކުގެ ތެރޭގައި ހއ. އަތޮޅުގެ 4 ރަށަކާއި، ހދ. އަތޮޅުގެ 2 ރަށެއްގެ އިތުރުން ށ. އަތޮޅުގެ 3 ރަށެއް ހިމެނެއެވެ. މީގެ އިތުރުން ނ. އަތޮޅުގެ 2 ރަށަކަށްވެސް ވަނީ ތަކެތި ފޮނުވާފައެވެ.
ތަކެތި ފޯރުކޮށްދިން ރަށްތަކުގެ ތަފްސީލް:
ހއ. އިހަވަންދޫ، މާރަންދޫ، ތަކަންދޫ އަދި އުލިގަން
ހދ. ކުމުންދޫ އަދި ވައިކަރަދޫ
ށ. ބިލެއްފަހި، ގޮއިދޫ އަދި މަރޮށި
ނ. މާޅެންދޫ އަދި މާފަރު
ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި އުފައްދާ ތަކެތީގެ މިންވަރު އިތުރުކޮށް، ކާނާގެ ޔަގީންކަން ދެމެހެއްޓެނިވި ގޮތެއްގައި ކަށަވަރު ކުރުމެވެ. މި ޕްރޮގްރާމުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަތްކެޔޮ އާލާކޮށް، ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް މިނިސްޓްރީން ދެކެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!