މީގެ 12 އަހަރު ކުރިން ފުލުހުންގެ ވަޒީފާއިން ވަކިކުރި އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމަށް އަލުން ވަޒީފާ ދީފި އެވެ.
ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރެއްގެ ގޮތުގައި ހުއްޓާ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތުކޮށް، ޝިޔާމް ވަޒީފާއިން ވަކިކުރީ 2014 ވަނަ އަހަރު އެވެ.
ޝިޔާމަށް އަލުން ވަޒީފާދޭން އަމުރު ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ކުރިން ހުކުމްކުރި ނަމަވެސް ދާދިފަހުން ހައި ކޯޓުން އެންގީ ޝިޔާމަށް އަލުން ވަޒީފާ ދިނުމަށާއި ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ދިނުމާ ހަމައަށް މުސާރަ އާއި އިނާޔަތްތައް ދިނުމަށެވެ.
ހައި ކޯޓުގެ އެ އެންގުމާ އެއްގޮތަށް ޝިޔާމަށް ވަޒީފާ ދިނުމާއެކު, އޭނާ މިއަދު އެ ވަޒީފާއަށް ނުކުންނަން ފަށައިފަ އެވެ. އަދި އެއީ ލިބުނު ބޮޑު ޝަރަފެއް ކަމަށް ޝިޔާމް އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓްގައިވެ އެވެ.
ހައި ކޯޓުން ކުރި ހުކުމުގައިވާ ގޮތުން، ވަޒީފާ އިން ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކޮށް ދިނުމުގެ ބުރަ އޮންނާނީ ދައުލަތަށެވެ. ނަމަވެސް ޝިޔާމްގެ މައްސަލާގައި އެކަން ސާބިތުވާނެ ހެއްކެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!