ސައުދީ އަރަބިއްޔާގެ އީސްޓަން ޕްރޮވިންސްގައި ފޮށިގަނޑުތަކެއްގެ ތެރޭގައި ފޮރުވާފައި ހުރި 845,087 އެމްފެޓަމިން ގުޅަ ޖެނެރަލް ޑައިރެކްޓަރޭޓް އޮފް ނާކޮޓިކްސް ކޮންޓްރޯލުން އަތުލައިގަނެފިއެވެ.

މި ތަކެއްޗާ ހަވާލުވާން އައި ސައުދީ ރައްޔިތަކު ތާއިފުން މިހާރު ވަނީ ހައްޔަރުކޮށްފައިކަމަށް ސައޫދީ މީޑިއާއިން ބުނެއެވެ.

Ad
rt

މިތަކެތީގެ މަގުމަތީގެ އަގު 79 މިލިއަން ރިއާލް (21 މިލިއަން ޑޮލަރު) އަށް އަރާނެކަމަށް ވަނީ ލަފާކޮށްފައެވެ.

މި އޮޕަރޭޝަނަކީ ސައުދީ މިނިސްޓްރީ އޮފް އިންޓީރިއާ އިން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު އޮޕަރޭޝަނެކެވެ. މީގެ މައިގަނޑު މަގްސަދަކީ ގައުމުގެ ސަލާމަތާއި ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ މަސްތުވާތަކެތި އެތެރެކުރުމާއި ވިޔަފާރިކުރުމުގެ ހަރަކާތްތައް ހުއްޓުވުމެވެ.

ސަލާމަތީ ބާރުތަކުން ވަނީ މަސްތުވާތަކެތި އެތެރެކުރުމާއި ވިޔަފާރިކުރުމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެކަން ރިޕޯޓްކުރުމަށް ރައްޔިތުންނަށާއި އެގައުމުގައި ދިރިއުޅޭ ބޭރު މީހުންނަށް އިލްތިމާސްކޮށްފައެވެ. މިގޮތުން މައްކާ، މަދީނާ، ރިޔާދު އަދި އީސްޓަން ޕްރޮވިންސްގައި އުޅޭ ފަރާތްތަކުން 911 އަށް، އަދި އެހެން ސަރަހައްދުތަކުން 999 އަށް ގުޅައިގެން މައުލޫމާތު ހިއްސާކުރެވޭނެއެވެ.

މީގެ އިތުރުން ޖެނެރަލް ޑައިރެކްޓަރޭޓް އޮފް ނާކޮޓިކްސް ކޮންޓްރޯލްގެ ހޮޓްލައިން ނަންބަރު 995 ނުވަތަ އީމެއިލް މެދުވެރިކޮށް ވެސް މައުލޫމާތު ހުށަހެޅޭނެ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

ޑައިރެކްޓަރޭޓުން ބުނި ގޮތުގައި މައުލޫމާތު ދޭ ފަރާތްތަކުގެ ސިއްރު ހިފަހައްޓައިދެވޭނެ ކަމަށާއި، މައުލޫމާތު ދޭ ފަރާތަކުން އެއްވެސް ޒިންމާއެއް އުފުލަން ނުޖެހޭނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.