ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ ޢާއިލާއިން ކުރައްވަމުން ގެންދަވާ އަމިއްލަފުޅު އެކިއެކި ދަތުރުފުޅުތަކާއި ގުޅުވައިގެން ބައެއް ފަރާތްތަކުން ފަތުރާ ޚަބަރުތަކަކީ ދޮގު ޚަބަރުތަކެއްކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިޤްބާލް އާދަމް މިއަދު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ކުރެއްވި ޕޯސްޓްތަކެއްގައި އިޤްބާލް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުން ކުރައްވަމުން ގެންދަވާ އަމިއްލަފުޅު އެކިއެކި ދަތުރުފުޅުތަކާއި ގުޅުވައިގެން ބައެއް ފަރާތްތަކުން ފަތުރަމުންދާ ޚަބަރުތަކަކީ އޭގައި އެއްވެސް އަސާސެއް ނެތް، ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތު ހިމެނޭ ޚަބަރު ތަކެއް ކަމަށެވެ.
މީގެ އިތުރުން އިޤްބާލް ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ޢާއިލާގެ އެއްވެސް ބޭފުޅަކު އަމިއްލަފުޅު ޙައިސިއްޔަތުން މިހާތަނަށް ކުރެއްވި އެއްވެސް ދަތުރުފުޅެއްގައި ދައުލަތުގެ ބަޖެޓުން އެންމެ ލާރިއެއްވެސް ޚަރަދުކޮށްފައި ނުވާނެއެވެ.
މިފަދަ ދޮގު ވާހަކަތައް ފަތުރާ ފަރާތްތަކުން އެފަދަ ކަންކަން ހުއްޓާލުމަށްވެސް މިނިސްޓަރ އިޤްބާލް ވަނީ އިލްތިމާސް ކުރައްވާފައެވެ.
އިޤްބާލް މިހެން ވިދާޅުވެފައިވަނީ ރައީސްގެ ދަތުރުފުޅުތަކުގެ ޚަރަދުތަކާ ގުޅޭގޮތުން އިއްޔެ ނޫސްވެރިއަކު ކުރި ސުވާލަކާއި ގުޅިގެން ދެއްވި ޖަވާބުގައި ވެރިކަމާ ހަވާލުވެވަޑައިގަތީއްސުރެ މިހާތަނަށް ކުރެއްވި އެއްވެސް އަމިއްލަފުޅު ދަތުރުފުޅަކަށް ދައުލަތުގެ ނުވަތަ ރައްޔިތުންގެ އެންމެ ފައިސާ ފޮއްޗެއް ވެސް ހަރަދު ކުރައްވާފައި ނުވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައި ވަނިކޮށެވެ.
''އަޅުގަނޑު މި މަގާމާއި ހަވާލުވި ދުވަހުން ފެށިގެން މިއަދާއި ހަމައަށް އަމިއްލަ ދަތުރެއް އެއްވެސް ދަތުރެއް، އެއްވެސްކަމެއްކަމެއްގައި އަޅުގަނޑުގެ، އަޅުގަނޑުގެ ޢާއިލާކަމެއްގައި ރައްޔިތުންގެ އެއްވެސް ފައިސާ ފޮއްޗެއްވެސް ބޭނުންކޮށްފައެއްނުވާނެ'' ރައީސް އިއްޔެ ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!