އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފްތަރުކުރުމުގެ ޚިދުމަތް، ސަރުކާރުގެ އެކި ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދޭ "ވަންގަވް" ޕޯޓަލްއަށް ބަދަލުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނިންމައިފިއެވެ.

އެމްއެފްޑީއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މިހާރު "ދިރިތި" ޕޯޓަލް މެދުވެރިކޮށް ފޯރުކޮށްދެމުންދާ މި ޚިދުމަތް ވަންގަވް ޕޯޓަލްއަށް ބަދަލުކުރާނީ 7 ޖޫން 2026 އިން ފެށިގެންނެވެ.

Ad
rt

މި ބަދަލު ގެނައުމަށްޓަކައި، 3 ޖޫން 2026 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 އިން ފެށިގެން "ދިރިތި" ޕޯޓަލްއިން މި ޚިދުމަތް މެދުކަނޑާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 7 ޖޫން އިން ފެށިގެން އަލަށް ދަފްތަރުވާން އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭނީ ވަންގަވް ޕޯޓަލް މެދުވެރިކޮށެވެ.

އެމްއެފްޑީއޭ އިން އިތުރަށް ބުނެފައިވަނީ، ޚިދުމަތް މެދުކަނޑާލާ މުއްދަތުގެ ތެރޭގައި މިހާރު ދިރިތި ޕޯޓަލްގައި ދަފްތަރުކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތު ވަންގަވް ޕޯޓަލްއަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. މިއީ ޑިޖިޓަލްކޮށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރުތައް ކަމަށްވާ 7603204 ނުވަތަ 3034221 އަށް ގުޅުއްވުމަށް އެމް.އެފް.ޑީ.އޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

މި ބަދަލާއެކު، ކާބޯތަކެތި އުފައްދާ ވިއްކާ ފަރާތްތަކަށް ޚިދުމަތް ހޯދުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.