މިއަހަރުގެ ބަރަކާތްތެރި ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ 1.6 މިލިއަނަށްވުރެ ގިނަ ޙައްޖުވެރިން، ޙައްޖުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ ޢަރަފާތް ބިމުގައި މަޑުކުރުން ނުވަތަ ވުޤޫފްގެ އަޅުކަން މިއަދު ނިންމުމަށްފަހު މުޒްދަލިފާ އަށް ދާންފަށައިފިއެވެ.

އިރުއެރުމާއެކު މިނާގެ ފޭލިގެ ސިޓީން ޢަރަފާތް ބިމަށް ޙައްޖުވެރިން ޖަމާވާން ފަށާފައިވަނީ ތަލްބިޔާގެ މަތިވެރި އަޑުން މުޅި ސަރަހައްދު ގުގުމާލަމުންނެވެ.

Ad
rt

ޢަރަފާތް ބިމުގައި ހުންނަ މަސްޖިދު ނަމިރާގައި މިއަހަރުގެ ޢަރަފާތް ޚުޠުބާ ދެއްވީ މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަތީބު ފަޟީލަތުއްޝައިޚް ޢަލީ ބިން ޢަބްދުއްރަޙްމާން އަލްޙުޛައިފީއެވެ. ޝައިޚްގެ ޚުޠުބާގައި ބޮޑަށް އަލިއަޅުވާލެއްވީ އިސްލާމްދީނުގެ ތައުޙީދުގެ މައްޗަށާއި، މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އެއްބައިވަންތަކަމުގެ މައްޗަށެވެ. އަދި މަޤްބޫލު ޙައްޖަކަށްޓަކައި ރިތި އަޚްލާޤާއި، ތެދުވެރި ބަސްމަގާއި، ފާފަތަކާއި ޚިލާފުތަކުން ދުރުހެލިވުމަށް އެކަލޭގެފާނު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

މިއަހަރުގެ ޢަރަފާތް ޚުޠުބާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ބިލިއަނަކަށްވުރެ ގިނަ މީހުންނަށް އަޑުއިވޭނެ އިންތިޒާމު ސައުދީ ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. މިގޮތުން 35 ބަހަކުން މި ޚުޠުބާ ވަގުތުން ތަރުޖަމާކޮށް ބްރޯޑްކާސްޓް ކުރިއެވެ. ޚުޠުބާއަށްފަހު ޙައްޖުވެރިން ވަނީ މުޙައްމަދު ނަބިއްޔާގެ ސުންނަތާ އެއްގޮތަށް މުނާޖާތާއި ދުޢާގައި ވަގުތު ހޭދަކޮށްފައެވެ.

އިދާރީ އިންތިޒާމުތަކާއި ސަލާމަތީ ފިޔަވަޅުތައް

ޙައްޖުވެރިން މިނާއިން ޢަރަފާތަށް ގެންދިއުމަށް ސައުދީ އިދާރާތަކުން ވަނީ ވަރުގަދަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ. މަޝާއިރު ރޭލާއި، ބަސްތަކުގެ އިތުރުން ހިނގާފައިދާ މީހުންނަށް ޚާއްޞަ މަގުތައް ވަނީ ކަނޑައަޅާފައެވެ. ގަދަ ހޫނުން ޙައްޖުވެރިން ސަލާމަތްކުރުމަށްޓަކައި މަގުތަކުގައި ފެން ބުރުވާ ކޫލިންގް ސްޓޭޝަންތައް ބަހައްޓާފައިވާއިރު، ގިނަ ޙައްޖުވެރިން ތިބީ އަވިން ސަލާމަތްވުމަށް ކުޑަ ބޭނުންކޮށްގެންނެވެ.

ސައުދީ ޙައްޖު އެންޑް ޢުމްރާ މިނިސްޓަރު ތައުފީޤް އަލް ރާބިއާ ވަނީ ޚިދުމަތްތައް ހުރި ގޮތް ބެއްލެވުމަށް ފީލްޑް އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދަވާފައެވެ. މިނިސްޓަރު ވަނީ ޙައްޖުވެރިންގެ ރައްކާތެރިކަމާއި އަރާމުކަން ކަށަވަރުކުރުމަށް ހުރިހާ އެޖެންސީތަކުން ގުޅިގެން މަސައްކަތް ކުރުމަށް އިރުޝާދު ދެއްވާފައެވެ.

އިރުއޮއްސުމާ ހަމައަށް ޙައްޖުވެރިން ޢަރަފާތް ބިމުގައި ދުޢާކުރުމާއި ޤުރުއާން ކިޔެވުމުގައި މަޝްޣޫލުވެ އުޅުމަށްފަހު، އިރުއޮއްސުމާއެކު މުޒްދަލިފާއަށް ދިއުމަށް ވަނީ ދަތުރުފަށާފައެވެ. މުޒްދަލިފާގައި މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ޖަމްޢުކޮށް ކުރުމަށްފަހު، އެރޭގެ ބޮޑުބައި ޙައްޖުވެރިން ހޭދަކުރާނީ އެ ބިމުގައެވެ.