ބަނގުލަދޭޝްގެ ނާރަޔަންގަންޖްގައި އޮތް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނަމުން ނަންދެވިފައިވާ މަޝްހޫރު ފީނި (albino) ގެރިއެއް ކުރިއަށް އޮތް އަޟްޙާ އީދުގައި ގުރުބާން ކުރުމަށް ތައްޔާރުވެއްޖެއެވެ.

ބަރުދަނުގައި 1،500 ޕައުންޑް ހުންނަ މި ގެރިއަށް "ޑޮނަލްޑް ޓްރަމްޕް" ގެ ނަން ދީފައިވަނީ އޭގެ ބޯމަތީގައި ހުންނަ ރަންކުލައިގެ އިސްތަށިގަނޑު ޓްރަމްޕްގެ އިސްތަށިގަނޑާ ވައްތަރުވުމުންނެވެ. މި ތަފާތު ސިފަތަކުގެ ސަބަބުން މި ގެރި ވަނީ އެ ސަރަހައްދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ.

Ad
rt

މި ގެރީގެ ވެރިޔާ، އުމުރުން 38 އަހަރުގެ ޒިއާ އުއްދީން މްރިދާ ބުނި ގޮތުގައި، މި ގެރިއަށް އެ ނަން ދިނީ އޭނާގެ ކޮއްކޮއެވެ. އަދި ފާއިތުވި މޭ މަހުގެ ތެރޭގައި އެތައް ބަޔަކު އެ ގެރި ބަލަން އޭނާގެ ފާމަށް ޖަމާވެފައިވާ ކަމަށް އޭނާ ބުންޏެވެ.

ބަނގުލަދޭޝްގެ 'ޓްރަމްޕް' ނަމުން މަޝްހޫރު ގެރި އާއި ގެރީގެ ވެރި މީހާ، ފޮޓޯ: އޭއެފްޕީ/ގެޓީ އިމޭކްސް

"ހަގީގަތުގައި ވެސް މި ގެރީގެ ސިފަތަކާއި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިފަތަކާ ވަރަށް ވައްތަރު،" އެ ގެރި ބަލަން އައި މީހަކު ކިޔައިދިނެވެ.

ބައެއް މީހުން މި ތަފާތު ގެރި ބަލާލުމަށްޓަކައި އެއް ގަޑިއިރުގެ ކަނޑު ދަތުރެއް ކޮށްފައިވެސް ޒިޔާރަތްކޮށްފައިވެއެވެ.

މި ގެރި ގުރުބާން ކުރަން ހަމަޖެހިފައިވަނީ އަންނަ އަޟްޙާ އީދާ ދިމާކޮށް ބަނގުލަދޭޝްގައި ގުރުބާން ކުރާ 12 މިލިއަނެއްހާ ޖަނަވާރުގެ ތެރޭގައެވެ.

ޒިއާ އުއްދީން ބުނީ ފާއިތުވި އެއް އަހަރު ދުވަހު އޭނާ ވަރަށް ލޯބިން ބެލެހެއްޓި މި ޖަނަވާރު ވަކިވެގެންދާތީ ދެރަވާ ކަމަށެވެ. ނަމަވެސް، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ގުރުބާން ކުރުމަކީ އަޟްޙާ އީދުގެ އެންމެ މުހިންމު ރޫހު ކަމަށް އޭނާ ފާހަގަކުރިއެވެ.