މަގުމަތި ބޭނުންކުރާ އެންމެހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޒިންމާދާރުކަމާއެކު މަގުމަތީގެ ގަވާއިދުތަކަށް ބޯލެނބުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް އިލްތިމާސްކުރައްވައިފިއެވެ.

ނައިބު ރައީސް މިކަމަށް އިލްތިމާސްކުރެއްވީ މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

އެމަނިކުފާނު ވިދާޅުވީ ރައްކާތެރިކަމާއެކު މަގުމަތި ބޭނުންކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް ފަރުދީ ޒިންމާއެއް ކަމަށާއި، އެއީ އަނެކާގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ތިމާގެ ފަރާތުން ކޮށްދެވޭނެ އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ.

"ފަރުވާކުޑަކަމާއި ނުރައްކާތެރިކޮށް ދުއްވުމަކީ، ހިނދުކޮޅެއްގެ ތެރޭގައި ތިމާއާއި އަނެކާގެ ދިރިއުޅުން އަބަދުގެ އަބަދަށް ބަދަލުކޮށްލަފާނެ ކަމެއް"މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކަށް އިޝާރާތް ކުރައްވަމުން ނައިބު ރައީސް ވިދާޅުވެފަވެއެވެ.

އެހެންކަމުން މަގުމަތީގެ ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްގެ މި އިލްތިމާސް އައިސްފައި މިވަނީ ފަހަކަށް އައިސް މާލެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން އިތުރުވެ، މަގުމަތީގެ ސަލާމަތަށް އާންމުންގެ ސަމާލުކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އެމަނިކުފާނު ވަނީ މަގުމަތި ބޭނުންކުރާ އެންމެންގެ ސަލާމަތަށްޓަކައި ޒިންމާދާރުކަމާއެކު ރައްކާތެރިކަން އިސްކުރުމަށް ހުރިހާ ރައްޔިތުންނަށް ބާރުއަޅުއްވާފައެވެ.