ކުޅުދުއްފުށި ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް ނިމުނު ދައުރުގައި ވެސް އެމަގާމު ފުރުއްވެވި ޑެޕިއުޓީ މޭޔަރ އަޙްމަދު ޢަބްދުﷲ (ރޯޒޭ) ޢައްޔަނުކޮށްފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ ކުކުޅުދުއްފުށި ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 1 ވަނަ ޢާންމު ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރގެ މަގާމަށް ކައުންސިލަރެއް އައްޔަންކުރުމަށް އެޖެންޑަރ ކުރެވި ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ޑެޕިއުޓީ މޭޔަރުކަމަށް ހުށަހެޅުނީ ރޯޒޭގެ ނަން ކަމަށެވެ. އަދި އެ ނަން ކައުންސިލް ބައްދަލުވުމުން ފާސްކޮށްފައިވާކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.
ރޯޒޭ އައު ދައުރުގައި ސިޓީ ކައުންސިލްގައި އިންނަވަނީ ކުޅުދުއްފުށީ ސިޓީ އުތުރު ދާއިރާގެ މެންބަރުގެ ގޮނޑި ކާމިޔާބުކުރަށްވައިގެންނެވެ. ނިމުނު ދައުރުގައި ރޯޒޭ ފުރުއްވާފައި ވަނީ އެ ސިޓީގެ ހުޅަނގު އުތުރު ދާއިރާގެ މެމްބަރުކަމުގެ ގޮނޑިއެވެ.
ކުޅުދުއްފުށީ ސިޓީގެ ފުރަތަމަ ޑެޕިއުޓީ މޭޔަރަކީ އަލީ އަޙުމަދު އެވެ. ނަމަވެސް އިނގިރޭސި ސަރުކާރުން ދެއްވި ޝީވްނިންގ ސްކޮލަރޝިޕް ލިބުމާއި ގުޅިގެން، އިނގިރޭސިވިލާތުގެ ކިންގްސް ކޮލެޖް ލަންޑަންގައި "އެންވަޔަރމަންޓް، ޕޮލިޓިކްސް އެންޑް ޑިވެލޮޕްމަންޓް" އިން މާސްޓާސް ޑިގްރީއަށް ކިޔެވުމަށްޓަކައި، 2025 ވަނަ އަހަރުގެ އޮކްޓޯބަރ މަހު އޭނާ ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ.
އަލީ އަހްމަދު އިސްތިއުފާދެއްވުމުން ދެން އެ މަގާމަށް ޢައްޔަނުކޮށްފައި ވަނީ ރޯޒޭއެވެ. ނިމުނު ދައުރުގައި ރޯޒޭ ޑެޕިއުޓީ މޭޔަރުކަމަށް ޢައްޔަނުކުރެއްވީ، 9 ނޮވެމްބަރު 2025 ގައެވެ.
ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަން ދެވަނަ ފަހަރަށް ދިފާޢުކުރަށްވާފައި ވަނީ މުހައްމަދު އާތިފެވެ. އޭނާ އަކީ އެ ސިޓީ އުފެދުނުފަހުން ހަމައެކަނި މޭޔަރުކަމުގެ ޝަރަފް ހޯއްދެވި ބޭފުޅާއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އެއް ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް ތަމްސީލްކުރަނީ އިދިކޮޅު އެމްޑީޕީގެ ބޭފުޅުންނެވެ.
ކުޅުދުއްފުށީ ސިޓީގެ އުތުރު ދާއިރާގެ ކައުންސިލަރަކީ ޑެޕިއުޓީ މޭޔަރު އަހްމަދު ޢަބުދުﷲ، (އެމްޑީޕީ) އެވެ. ކުޅުދުއްފުށީ ސިޓީގެ މެދު އުތުރު ދާއިރާގެ ކައުންސިލަރަކީ އަކުބަރީ މުހައްމަދު، (އެމްޑީޕީ) އެވެ. އަދި ކުޅުދުއްފުށީ ސިޓީގެ މެދު ދެކުނު ދާއިރާގެ ކައުންސިލަރަކީ ހައްމަދު ޝައިމަން އާދަމް ސަލީމް، (އެމްޑީޕީ) އެވެ. މީގެ އިތުރުން ކުޅުދުއްފުށީ ސިޓީގެ އިރު ދެކުނު ދާއިރާގެ ކައުންސިލަރަކީ ސަލްމާ މުހައްމަދު، (އެމްޑީޕީ) އެވެ.
ކުޅުދުއްފުށީ ސިޓީގެ ހުޅަނގު ދާއިރާގެ ކައުންސިލަރަކީ އަހްމަދު އަބުދުއްރަހީމް، (ޕީއެންސީ)އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!