ސަރުކާރުގެ ފެން ކުންފުނި، މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ ބޯޑުގެ ޗެއާމަންގެ މަގާމުގައި ހުންނެވި ޝަމްހޫޒާ އަހުމަދު އެ މަގާމުން މިއަދު ވަކިކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނީ، މާލެ ވޯޓަރ އެންޑް ސްވެރޭޖް ކޮމްޕެނީ ލިމިޓެޑްގެ، ޗެއަރމަންކަމުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުން ސ. ފޭދޫ ނާޒުކީގޭ އަލްފާޟިލާ ޝަމްހޫޒާ އަޙުމަދު މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.
ޝަމްހޫޒާ އަހުމަދު އެމްޑަބްލިޔުއެސްސީގެ ބޯޑުގެ ޗެއާމަންކަމުގެ މަގާމަށް އައްޔަންކުރެއްވީ 26 ޑިސެމްބަރު 2023 ގައެވެ. އޭނާ އެ މަގާމުން ވަކިކުރި ނަމަވެސް، ވަކިކުރި ސަބަބެއް ޕީބީސީން އަދި ހާމައެއް ނުކުރެއެވެ.
ޝަމްހޫޒާއަކީ މިހާރުވެސް މާލޭ ސިޓީ ކައުންސިލްގެ ޑިރެކްޓަރެއްގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. މީގެ އިތުރުން ސަރުކާރުގެ އެކި ދާއިރާތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ޝަމްހޫޒާއަކީ ޕަބްލިކް އެޑްމިނިސްޓްރޭޝަނާއި ގަވަރނަންސްގެ ދާއިރާއިން ބޮޑު ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
ތައުލީމީ ގޮތުން ބަލާއިރު، ޝަމްހޫޒާ ވަނީ އެވިޑް ކޮލެޖުން މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލްކުރައްވާފައެވެ. އަދި އެމްއައި ކޮލެޖުން ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ދާއިރާއިން ޑިޕްލޮމާ ހާސިލްކުރައްވާފައިވެއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް ދަނީ ދޭތެރެ ދޭތެރެއިން ބަދަލުތައް ގެންނަވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!