"އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު ޝަރީއަތް ފަށައިފި އެވެ.

ފިޔާޒާއި ހަސަންގެ މައްޗަށް ކުރާ ގަޒްފު ކުރުމުގެ ދައުވާކުރަނީ އަދަދު ނޫހުން ނެރުނު ޑޮކިއުމެންޓްރީއަކާ ގުޅިގެންނެވެ.

Ad
ooredoo

ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ އެ އަޑުއެހުމުގައި ހިނގި އެއްވެސް ކަމެއް ވަކީލުން ހާމައެއް ނުކުރެ އެވެ. އަދި އެ ޝަރީއަތާ ގުޅޭ އެއްވެސް ވާހަކައެއް ނުދައްކަން ކްރިމިނަލް ކޯޓުން ކުރިން އޮތީ އަމުރެއް ނެރެފަ އެވެ.

އެ އަމުރު ނެރެފައި ވަނިކޮށް ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން ސުވާލުކުރި ނޫސްވެރިޔާ މުހައްމަދު ޝަހުޒާން އަދި އެ އަމުރާ ގުޅޭ ހަބަރު ލިޔުނު ނޫސްވެރިޔާ ލީވާން އަލީ ނަސީރު ޖަލަށްލާން އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

އެ ދެ މީހުން ޖަލަށްލާން ހުކުމްކުރީ ކުރިން ނެރުނު އަމުރާ ހިލާފަށް އަމަލުކުރި ކަމަށް ބުނެ އެވެ.