ފަލަސްތީނުގެ ބައިނަލްއަގުވާމީ 10 ވަނަ މެރެތަން، އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ބެތުލެހެމްގައާއި، ޔަހޫދީންގެ އަނިޔާވެރި ހަމަލާތައް އަމާޒުވަމުންދާ ގާޒާގައި އެއްވަގުތެއްގައި ބާއްވައިފިއެވެ.
ގާޒާގައި މި ދުވުން ބާއްވާފައިވަނީ އިޒްރޭލުގެ އުދުވާނުގެ ސަބަބުން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހުގައެވެ.
ހުކުރު ދުވަހުގެ ހެނދުނު ރާއްޖެގަޑިން 9:00 (ފަލަސްތީނުގަޑިން ހެނދުނު 6:00) ގައި ފެށި މި މެރެތަންގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ބައިނަލްއަގުވާމީ ދުވުންތެރިން ބައިވެރިވިއެވެ. 42 ކިލޯމީޓަރުގެ މި ދުވުން ފަށާފައިވަނީ ބެތުލެހެމްގެ އާދަކާދައިގެ މަތިން ޗާޗް އޮފް ދަ ނެޓިވިޓީ ކައިރިންނެވެ.
މެރެތަންގެ ކޯޑިނޭޓަރު އިޢުތިދާލް އަބްދުލްޣަނީ ވިދާޅުވި ގޮތުގައި މިއަހަރުގެ މެރެތަންގެ މައިގަނޑު މެސެޖަކީ "ވަތަނުގެ އެއްބައިވަންތަކަން" ހާމަކުރުމެވެ. މިގޮތުން އިޒްރޭލުގެ ވަކިކުރުމުގެ ފާރުގެ ދެފަރާތުގައި ތިބި ފަލަސްތީނުގެ ރައްޔިތުން ވަނީ އެއްވަގުތެއްގައި މި ހަރަކާތުގައި ބައިވެރިވެފައެވެ. ގާޒާގެ މެދުތެރޭގައި ވަނީ 5 ކިލޯމީޓަރުގެ ދުވުމެއް ބާއްވާފައެވެ.
ފަލަސްތީނު މެރަތަންގައި ދުވަނީ، ފޮޓޯ: އެސޯސިއޭޓް ޕްރެސް
މިއަހަރުގެ މެރެތަންގައި ބައިވެރިވި މީހުންގެ އަދަދު 13,000 އަށްވުރެ ގިނައެވެ. މީގެ ތެރޭގައި ގާޒާއިން ބައިވެރިވި 2,523 ދުވުންތެރިންނާއި، 75 ގައުމަކުން އައި 1,000 އެއްހާ ބޭރުގެ ދުވުންތެރިން ހިމެނެއެވެ. މީގެ އިތުރުން އޮންލައިންކޮށް ބޭއްވި ވާޗުއަލް މެރެތަންގައި 88 ގައުމަކުން 5,000 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.
ފަލަސްތީނުގެ ހަޔަރ ކައުންސިލް ފޯ ޔޫތު އެންޑް ސްޕޯޓްސް އާއި ފަލަސްތީނު އޮލިމްޕިކް ކޮމިޓީ އަދި ބެތުލެހެމް މުނިސިޕަލިޓީ ގުޅިގެން އިންތިޒާމުކުރި މި ހަރަކާތުގައި، ފުލް މެރެތަންގެ އިތުރުން ހާފް މެރެތަން، 10 ކިލޯމީޓަރު އަދި އާއިލާތަކަށް ހާއްސަ 5 ކިލޯމީޓަރުގެ ދުވުން ހިމެނެއެވެ.
Palestinians ran in central Gaza for the 10th edition of Palestine International Marathon, which brought together some 1,900 participants, according to organizers. The marathon followed a two-year halt due to the war pic.twitter.com/eyVYw7Jgmz
— Reuters (@Reuters) May 8, 2026
މިއަހަރުގެ މެރެތަން ބާއްވާފައިވަނީ އިޒްރޭލުން ގާޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކާއި ހުޅަނގު އައްސޭރީގައި އިތުރުވަމުންދާ އަނިޔާވެރިކަމުގެ ތެރޭގައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ގާޒާގައި 72,000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، ހުޅަނގު އައްސޭރީގައި 1,155 އަށްވުރެ ގިނަ މީހުން ވަނީ އިޒްރޭލު ސިފައިން ޝަހީދުކޮށްލާފައެވެ.
ދުވުންތެރިން ބެތުލެހެމްގެ މަގުތަކުގައި ދުވަމުންދިޔައިރު ގިނަ ބަޔަކު ތިބީ ފަލަސްތީނުގެ ދިދަ ހިފައިގެންނާއި ކެފިޔާ އަޅައިގެންނެވެ. މިއީ ހަމައެކަނި ކުޅިވަރުގެ ހަރަކާތެއްގެ އިތުރުން، އިޒްރޭލުގެ އަޅުވެތިކަމާއި ޗެކްޕޮއިންޓްތަކާ ދެކޮޅަށް ކުރާ ސުލްހަވެރި އިހުތިޖާޖެއްގެ ގޮތުގައި އަދި ގާޒާއާ އެކު އޮތް އެއްބައިވަންތަކަން ހާމަކުރުމުގެ ހަރަކާތެއްގެ ގޮތުގައި ބައިވެރިން ވަނީ ސިފަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!