މީސް މީޑިއާގެ އެކި މަންސަތަކުގައި ބޭންކް އެކައުންޓްތައް "ކުއްޔަށް" ދިނުމަށް ބާރުއަޅައި ކުރާ އިޝްތިހާރުތަކަށް ސަމާލުވުމަށާއި، އެއީ ބޮޑު ޖިނާއީ ކުށެއް ކަމަށް ބުނެ ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ވަރުގަދަ އިލްތިމާސެއް ނެރެފިއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިހާރަކަށް އައިސް ޓިކްޓޮކް އަދި ޓެލެގްރާމް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް، އަމިއްލަ ފަރާތްތަކުގެ ބޭންކް އެކައުންޓްތައް ނުވަތަ އެކައުންޓްގެ ކޮންޓްރޯލް ދިނުމުން "ދުވަހު މުސާރައެއް" ނުވަތަ އުޖޫރައެއް ދޭނެ ކަމަށް ބުނެ ކުރާ އިޝްތިހާރުތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިއީ "މަނީ މިއުލް" ގެ ގޮތުގައި ކުށްކޮށްގެން ހޯދާ ފައިސާ ދައުރުކުރުމަށް ހިންގާ ޖިނާއީ އަމަލެއް ކަމަށް ފުލުހުން ބުނެއެވެ.
މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ކޮންމެ ބޭންކް އެކައުންޓަކީ އެ އެކައުންޓެއް ރަޖިސްޓްރީކޮށްފައިވާ ފަރާތުގެ އަމިއްލަ ބޭނުމަށް އެކަނި ބޭނުންކުރަންޖެހޭ އެކައުންޓެކެވެ. ފުލުހުން ބުނި ގޮތުގައި އެކައުންޓެއްގެ ކޮންޓްރޯލް އެހެން ފަރާތަކަށް ދިނުމަކީ މުއާމަލާތުގެ ހަގީގީ ވެރިފަރާތް (Beneficial Owner) އޮޅުވާލުމުގެ އަމަލެކެވެ. މިއީ ގާނޫނީ ގޮތުން ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާ ކުށެކެވެ.
މީގެ އިތުރުން، އަމިއްލަ އެކައުންޓް އެހެން މީހަކަށް ބޭނުންކުރަން ދީގެން ގާނޫނާ ހިލާފު މުއާމަލާތެއް ހިންގައިފިނަމަ، އެއީ ކާކުކަން ނޭނގޭ ފަރާތަކުން ކުރި ކަމެއް ކަމަށް ބުނެ ޒިންމާއިން ބަރީއައެއް ނުވެވޭނެއެވެ. ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން މިފަދަ އަމަލުތަކަށް ހަރުކަށި އަދަބު ލިބޭނެއެވެ.
ބޭންކިންގއާ ބެހޭ ގާނޫނު އާ ހަވާލާދީ ފުލުހުން އިތުރަށް ބުނީ، ޔޫޒަރނޭމް، ޕާސްވޯޑް، ޕިން ނުވަތަ އޯޓީޕީ ފަދަ ސިއްރު މައުލޫމާތު ހިއްސާކުރުމަކީ ބޭންކާއެކު ވެފައިވާ އެއްބަސްވުމާ ހިލާފުވުމުގެ އިތުރުން ކަސްޓަމަރުގެ ފަރާތުން ވާ ބޮޑު އިހުމާލެކެވެ. މީގެ ސަބަބުން ލިބޭ މާލީ ގެއްލުމަކަށް ބޭންކުން ޒިންމާ ނުއުފުލާނެއެވެ. އަދި ޝައްކުކުރެވޭ މުއާމަލާތެއް ހިނގައިފިނަމަ، އެކައުންޓް ފްރީޒްކޮށް، މުސްތަގުބަލުގައި ރާއްޖޭގެ އެއްވެސް މާލީ އިދާރާއަކުން ޚިދުމަތް ލިބުމަށް ހުރަސް އެޅިދާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.
ކުށްކުރާ ފަރާތްތަކުން އާންމުންގެ އެކައުންޓްތައް ބޭނުންކުރަނީ މަކަރާއި ހީލަތުން ފޭރޭ ފައިސާގެ އަސްލު އޮޅުވާލުމަށެވެ. އެހެންކަމުން، މިފަދަ މައުލޫމާތުތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އާ ހިއްސާކުރަމުންދާނެ ކަމަށް ފުލުހުން ބުނެފަވެއެވެ.
ފަސޭހައިން ފައިސާ ލިބޭނެ ކަމަށް ބުނެ ކުރާ އިޝްތިހާރުތަކަށް އިޖާބަ ނުދިނުމަށާއި، އެއްވެސް ސިއްރު މައުލޫމާތެއް ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ޝައްކުކުރެވޭ ކަމެއް ފާހަގަކުރެވިއްޖެނަމަ، ނެޝަނަލް އިމަޖެންސީ ކޯލް ސެންޓަރު 911 އަށް ނުވަތަ އެންޓި-ސްކޭމް ސެންޓަރުގެ ނަންބަރު 125 (އެކްސްޓެންޝަން 2020) އަށް ގުޅައި ރިޕޯޓްކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.
މިފަދަ ޖިނާއީ ކުށްތަކުގައި ބައިވެރިވާ ފަރާތްތަކާމެދު މާލީ އިދާރާތަކާ ގުޅިގެން ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!