މާލެ ސިޓީގައި ކުރިއަށްދިޔަ 'އުފަކާރަ' ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އިއްޔެ ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މި ޕްރޮގްރާމަކީ ކާބޯތަކެތި އުފައްދާ އަދި ވިއްކާ ފަރާތްތަކަށް ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ރަނގަޅު ކުރުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް އަމާޒުކޮށްގެން ހިންގާ މުހިންމު ތަމްރީން ޕްރޮގްރާމެކެވެ.
މާލޭގައި ކުރިއަށްދިޔަ މި ފަހަރުގެ ތަމްރީން ޕްރޮގްރާމް ޖުމްލަ 19 ފަރާތަކުން ފުރިހަމަކޮށްފައިވެއެވެ.
މި ރަސްމިއްޔާތުގައި ތަމްރީން ފުރިހަމަކުރި ފަރާތްތަކަށާއި، ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި އެހީތެރިވި 17 ފެސިލިޓޭޓަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާ މުޙައްމަދެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން 2017 ވަނަ އަހަރު ފެށި މި ޕްރޮގްރާމަކީ ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ ސިލްސިލާ މަސައްކަތެކެވެ. މިހާތަނަށް ރާއްޖޭގެ އެކި އަތޮޅުތަކާއި ރަށްތަކުގައި މި ޕްރޮގްރާމް ވަނީ ކާމިޔާބީއާއެކު ހިންގާފައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ގީލާ އަލީ އާއި ޞިއްޙަތާ ބެހޭ ވުޒާރާގެ އިސްވެރިން ބައިވެރިވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!