މިއަދުގެ ހުކުރު ޚުޠުބާގައި، އިސްލާމީ ރިވެތި އުޞޫލުތަކާއި ސާފުތާހިރުކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލަމުން، ސެލޫންތަކުން "ވެކްސް" ނުވަތަ "ލޭޒާ" ފަރުވާ ހޯދުމުގައި ހުއްދަ ނޫން މީހުންގެ ކުރިމަތީގައި ޢައުރަ ކަޝްފުކުރުމަކީ ޙަރާމްކަމެއްކަމަށް ބަޔާންކޮށްފިއެވެ.
"އިސްލާމީ ނަޒަރަކުން ރީތިކަމާއި ސާފުތާހިރުކަން" މި މައުޟޫޢަށް މިއަދު އިއްވި ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، އިސްލާމްދީނަކީ ސާފުތާހިރުކަމުގެ ދީނެވެ. އެހެން ޙަޟާރަތްތަކުގައި ރީތިކަން ބޭރުފުށުގެ ޒީނަތަށް އެކަނި މިންކުރި ނަމަވެސް، އިސްލާމްދީން ބަލަނީ އެތެރެފުށާއި ބޭރުފުށުގެ ތާހިރުކަމަށެވެ. މާތް ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވާ ގޮތުގައި ެ. (اَلطَّهُوْرُ شَطْرُ الْإِيْـمَانِ) (أخرجه مسلم: ٢٢٣) މާނައީ: "ތާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ."
ޢައުރަ ކަޝްފުކުރުމުގެ ނުރައްކާ
ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، މިއަދުގެ ޒަމާނީ ވަސީލަތްތަކާއެކު ސާފުތާހިރުވުމުގެ ނަމުގައި ބައެއް ފަހަރު ދީނީ އިންތަކުން ބޭރުވަމުންދެއެވެ. އެގޮތުން، ސެލޫންތަކަށް ގޮސް ވެކްސް ކުރުމަށް ނުވަތަ ލޭޒާ ޓްރީޓްމެންޓް ހެދުމަށްޓަކައި، ތިމާއަށް ހުއްދަ ނޫން މީހުންގެ ކުރިމަތީގައި ޢައުރަ ކަޝްފުކުރުމަކީ ދީނީ ގޮތުން ހުއްދަ ކަމެއް ނޫނެވެ. މިފަދަ ކަންކަން ހުއްދަވާނީ ހަމައެކަނި ޞިއްޙީ ފަރުވާއެއް ފަދަ ޟަރޫރީ ޙާލަތްތަކުގައި އެކަނިކަމަށް ޚުޠުބާގައި ނަސޭހަތްތެރިވިއެވެ.
''މިއަދުގެ ޒަމާނީ ވަސީލަތްތަކާއެކު، ސާފުތާހިރުވުމުގެ ނަމުގައި ބައެއް ފަހަރު ދީނީ އިންތަކުން ބޭރުވާތަން އެބަފެނެއެވެ. އޭގެ ތެރެއިން އެންމެ ނުރައްކާތެރި އެއްކަމަކީ، ސެލޫންތަކަށް ގޮސް "ވެކްސް" ކުރުމަށް ނުވަތަ "ލޭޒާ ޓުރީޓްމެންޓު" ހެދުމަށް ޓަކައި، ތިމާއަށް ހުއްދަ ނޫން މީހުންގެ ކުރިމަތީގައި ޢައުރަ ކަޝްފުކުރުމެވެ. މިއީ ދީނީ ގޮތުން ހުއްދަކަމެއް ނޫނެވެ. ޞިއްޙީ ފަރުވާއެއް ފަދަ ޟަރޫރީ ޙާލަތެއްގައި މެނުވީ މިކަން ހުއްދައެއް ނުވާނެއެވެ. ރީތިކަމާއި ސާފުތާހިރުކަން ހޯދާންވާނީ ޙަރާމް މަގުތަކުން އެއްކިބާވެ ތިބެގެންނެވެ.'' -ހުތުބާ-
ފިޠުރަތުގެ ސުންނަތްތަކާއި މިސްކިތުގެ އަދަބުތައް
އިންސާނާގެ ފިޠުރަތުގެ ސާފުކަން ދެމެހެއްޓުމަށްޓަކައި، ޚިތާނުކުރުމާއި، ފޫޅުންތިރީ އިސްތަށި ބޭލުމާއި، ނިޔަފަތި ކެނޑުން ފަދަ "ފިޠުރަތުގެ ސުންނަތްތަކަށް" ސަމާލުކަން ދިނުމަށް ޚުޠުބާގައި ގޮވާލިއެވެ. އަދި މިސްކިތަށް ދާއިރު، އެހެން މީހުންނަށް އުނދަގޫވާ ފަދަ ނުބައި ވަސްތަކުން (ދުންފަތުގެ ވަސް ނުވަތަ ލޮނުމެދުގެ ވަސް ފަދަ) ސަލާމަތްވެ ތިބެ ދިއުމަށްވެސް އިރުޝާދު ދެއްވިއެވެ.
''މިސްކިތްތަކަކީ މަލާއިކަތުން ޙާޟިރުވާ ތަންތަނެވެ. އާދަމުގެ ދަރިޔާއަށް އުނދަގޫވާ ކޮންމެ ކަމަކުން މަލާއިކަތުންނަށް ވެސް އުނދަގޫފުޅު ވެއެވެ. އެހެންކަމުން ތިމާގެ ހަށިގަނޑާއި ފޭރާމުން ދުވާ ވަހަށް ސަމާލުވާށެވެ!''
މާތް ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ أَكَلَ الْبَصَلَ وَالثُّوْمَ وَالْكُرَّاثَ فَلَا يَقْرَبَنَّ مَسْجِدَنَا، فَإِنَّ الْمَلاَئِكَةَ تَتَأَذَّى مِمَّا يَتَأَذَّى مِنْهُ بَنُوْ آدَمَ) (أخرجه مسلم (٥٦٤)) މާނައީ: "(ނަމާދު ވަގުތާ ކައިރިކޮށް) އެއްވެސް މީހަކު ފިޔާއާއި ލޮނުމެދާއި ލީކުސް ކައިގެން، ތިމަންމެންގެ މިސްކިތްތަކާ ކައިރިނުވާހުށިކަމެވެ. (އެބަހީ: ނަމާދުގެ ޖަމާޢަތަށް ނާންނާށެވެ!) ފަހެ، ހަމަކަށަވަރުން، އާދަމުގެ ދަރީންނަށް އެ ކަމަކުން އުނދަގޫވާ ކަންތައްތަކުން މަލާއިކަތުންނަށް ވެސް އުނދަގޫފުޅު ވެއެވެ." އެހެންކަމުން ދުންފަތުގެ އިސްތިއުމާލުކޮށްގެން، ނުވަތަ ގައިން ދާވަސް ދުވާ ޙާލުގައި ނުވަތަ އަނގައިން ނުބައިވަސް ދުވާ ޙާލުގައި، މިސްކިތުގެ ޖަމާޢަތަށާއި މީސްތަކުން އެއްވެ ތިބޭ ތަންތަނަށްދާ އިރު އެ ވަސްތައް ކަނޑުވައިގެން މެނުވީ އެ ފަދަ ތަންތަނަށް ނުދިޔުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. އަދި އީ އެހެން މީހުންނަށް ކުރެވޭ އުނދަގުލެއްކަން ވެސް ވަނީ ހަނދާންކޮށްދީފައެވެ.
ހެދުން އެޅުމާއި ސިފަ ބަދަލުކުރުން
ބުރުގާ އެޅުމުގެ އަޞްލު މަޤުޞަދަކީ ޢައުރަ ނިވައިކުރުން ކަމުގައިވީނަމަވެސް، މިއަދު ބައެއް މީހުން ބުރުގާ އަޅާއިރު ކަންފަތާއި ކަނދުރާ ފެންނަ ގޮތަށް ހެދުން އެޅުމާއި، ގަޔަށް ބާރު ހެދުންލުމަކީ ޖާހިލީ ޒަމާނުގެ އާދައެއްގެ ގޮތުގައި ޚުޠުބާގައި ސިފަކުރެއްވިއެވެ. ހަމައެހެންމެ، ފިރިހެނުންވެސް ކުޅިވަރުގެ މައިދާނުގައި ޢައުރަ ނިވައިކުރުމަށް ސަމާލުކަން ދޭންޖެހޭނެކަމަށް ބަޔާންކުރިއެވެ.
''މިއަދުގެ މުޖުތަމަޢުން ފެންނަ ހިތާމަވެރި ބައެއް މަންޒަރުތަކަށް ބަލައިލާ އިރު، ބައެއް ފަހަރު ނޭނގުމުގެ ތެރެއިން ނަމަވެސް، ހެދުން އެޅުމުގައި ބޮޑެތި ކުށްތަކަށް އަރައިގަނެވެއެވެ. ބުރުގާ އެޅުމުގެ އަޞްލު މަޤުޞަދަކީ ޢައުރަ ނިވައިކުރުމެވެ. ޢިއްފަތްތެރިވެ އަބުރުވެރި ވުމެވެ. ނަމަވެސް ބުރުގާ އަޅައިގެން ތިބޭ އިރު، ކަންފަތުގައިލާ މުދި ނުވަތަ ކަރުގައި އަޅާ ފަށް ފެންނަގޮތަށް ބުރުގާ އެޅުމާއި، ބޮލުގައި ފޮތިކޮޅެއް އޮޅައިލައިގެން ކަނދުރާ ފެންނަގޮތަށް ހެދުން އެޅުމަކީ ޙިޖާބުގެ މަޤުޞަދު ގެއްލޭ ކަމެކެވެ. އަދި ހަށިގަނޑުގެ ވަނާތައް އެނގޭ ގޮތަށް ގަޔަށްބާރު ހެދުން ލައި، ހިލޭ ފިރިހެނުންގެ ލޮލުގައި އަޅައިގަންނަ ފަދަ ގޮތްގޮތަށް ޒީނަތްތެރިވުމަކީ އިހުގެ ޖާހިލީ ޒަމާނުގެ އާދައެކެވެ. ހަމައެފަދައިން ފިރިހެނުންނަށް ވެސް ހަނދާންކޮށްދެމެވެ! ކުޅިވަރުގެ މައިދާނުގައި ވިޔަސް، އަދި އެހެން ތަނެއްގައި ވިޔަސް ތިބާގެ ޢައުރަ ހާމަނުކުރާށެވެ! ޢައުރަ ނިވައިނުވާވަރުގެ ފޭރާން ލައިގެން އުޅުމަކީ މުސްލިމުންގެ ކަމެއް ނޫނެވެ. ނަމާދުގައި ރުކޫޢުކޮށް ސަޖިދަކުރާއިރު ޢައުރަ ކަޝްފުވާފަދަ ހެދުން އެޅުމަކީ ނަމާދު ބާޠިލުވާނޭކަމެކެވެ.'' -ހުތުބާ-
މީގެ އިތުރުން، ޓެޓޫ ޖެހުމާއި، ބުމަ އުފުރުމާއި، ދަތްތަކުގެ ދެމެދު ދުރުކުރުން ފަދަ ﷲ އުފެއްދެވި ސިފަ ބަދަލުކުރުމުގެ އަމަލުތަކަކީ ﷲގެ ލަޢުނަތް ހުރި ކަންކަން ކަމުގައި ހަނދާންކޮށްދިނެވެ. އަދި ވުޟޫކުރާއިރު ފެން ނުޖެހޭ ފަދަ ތަކެތި ބޭނުންކުރުމުން ނަމާދު ޞައްޙަ ނުވާނެތީ، އެކަމަށް ސަމާލުވުމަށްވެސް ގޮވާލިއެވެ.
ޚުޠުބާގައި ދެމަފިރިން އެކަކު އަނެކަކަށްޓަކައި ޒީނަތްތެރިވުމުގެ މުހިންމުކަން ފާހަގަކޮށް، ގޭތެރޭގައި ރީތިކޮށް ތިބުމަށާއި، އަނބިދަރިންނަށް ލޯތްބާއި ހިކުމަތްތެރިކަމާއެކު ނަސޭހަތްދީ އިޞްލާޙުކުރުމަށް ހުރިހާ މުސްލިމުންނަށް އިލްތިމާސްކުރިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!