އުރީދޫ މޯލްޑިވްސްގެ ސުޕަ އެޕްގައި ހިމެނޭ ޑިޖިޓަލް ކޮންޓެންޓް މާކެޓްޕްލޭސް، "އުރީދޫ ހޮޅުއަށި" މެދުވެރިކޮށް ކަސްޓަމަރުންނަށް މުނިފޫހިފިލުވުމާއި، ތައުލީމީ އަދި ގޭމިންގެ ގިނަ ހިދުމަތްތަކެއް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
މިއީ ކަސްޓަމަރުންނަށް އެއް ތަނަކުން އެކި ބާވަތުގެ ޑިޖިޓަލް އުފެއްދުންތައް ބަލައި، ގަތުމަށް ފަރުމާކޮށްފައިވާ ހާއްސަ ޕްލެޓްފޯމެކެވެ.
ފަސޭހަ އިންޓަފޭސަކާއެކު ތައްޔާރުކޮށްފައިވާ މި ޕްލެޓްފޯމުން ކޮންމެ ތަނެއްގައި ހުރެގެން ވެސް ތަފާތު ކޮންޓެންޓްތަކަށް އެކްސެސް ވެވޭނެއެވެ. އޭގެ ތެރޭގައި އޯޑިއޯ ބުކްސް، ގޭމް، ކުޑަކުދިންނަށް ހާއްސަ ކޮންޓެންޓް، ހެލްތު އެންޑް ފިޓްނަސް އަދި އެންޓަޓެއިންމަންޓް ފަދަ ގިނަ ދާއިރާތަކެއް ހިމެނެއެވެ. ކަސްޓަމަރުންގެ ޝައުގުވެރިކަމާއި ޑިޖިޓަލް ބޭނުންތަކަށް ރިއާޔަތްކޮށް، މި ޕްލެޓްފޯމަށް އަބަދުވެސް އާ ކޮންޓެންޓްތައް އިތުރުކުރަމުންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.
މީޑިއާނެޓް ސީޒަން ޕާސް މިހާރު ހޮޅުއަށިން
އުރީދޫ އިން ވަނީ މީޑިއާނެޓް ސީޒަން ޕާސް ވެސް މިހާރު ހޮޅުއަށި މެދުވެރިކޮށް ލިބޭނެ ގޮތް ހަދާފައެވެ. މި ބަދަލާއެކު، ލައިވް ޓީވީ އާއި އޮން-ޑިމާންޑް ކޮންޓެންޓްގެ އިތުރުން ސްޕޯޓްސް ކަވަރޭޖް ފަދަ ޕްރީމިއަމް އެންޓަޓެއިންމަންޓް ހިދުމަތްތައް ކަސްޓަމަރުންނަށް ވަރަށް ފަސޭހައިން ލިބިގެންދާނެއެވެ.
ހޮޅުއަށިން ވިޔަފާރިކުރުމުގައި ކަސްޓަމަރުންނަށް ލިބޭނެ އެންމެ ބޮޑު ފަސޭހައަކީ މޮބައިލް ބެލެންސް ބޭނުންކޮށްގެން ފައިސާ ދެއްކުމުގެ ފުރުސަތު އޮތުމެވެ. ޕްރީޕެއިޑް ކަސްޓަމަރުންނަށް ވިޔަފާރިކުރާ ވަގުތު އެ އަދަދު ބެލެންސްއިން ކެނޑޭނެއެވެ. އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މަހު ފީއާއެކު މި ހަރަދުތައް ދެއްކުމުގެ ފުރުސަތު އޮންނާނެއެވެ.
އުރީދޫ މޯލްޑިވްސްގެ އަމާޒަކީ ހޮޅުއަށްޓަށް ގެންނަ މިފަދަ ކުރިއެރުންތަކާއެކު ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރުމެވެ. މިއީ ރާއްޖެ ޑިޖިޓަލްކޮށް ކުރިއެރުވުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!