ރަށުގެ އެންމެ އުފާވެރި އާއިލާގެ ލަގަބު ދެވިފައިވަނީ އާގިސާ އާއި ޖާބިރަށެވެ. ޖާބިރަކީ ރަށުގެ އެންމެންގެ އިހުތިރާމް ލިބިފައިވާ، ހިތްހެޔޮ މީހެކެވެ. އޭނާ އާގިސާއަށްޓަކައި ވާ ގުރުބާނީއާއި، ދެމީހުން އެކުގައި ހަވީރު ފިނިބުރު ޖަހަން ނިކުމެ އުޅޭއިރު ފެންނަ ލޯބި މަންޒަރުތަކަކީ އެހެން މީހުންނަށް މިސާލެކެވެ.
ޖާބިރު އާގިސާގެ އަތުގައި ބާރަށް ހިފާލައިގެން ހިނގާއިރު، އާގިސާގެ މޫނުމަތިން ފެންނަނީ ނިމުމެއް ނެތް އުފާވެރިކަމެވެ. އެއްވެސް މީހަކަށް އެ ގޭގެ ހަތަރު ފާރުގެ ފަރުދާގެ ފަހަތުގައި ފޮރުވިފައިވާ އަނދިރިކަމެއް ނޭނގެއެވެ.
ނަމަވެސް، އެ ހުރިހާ އުފާވެރިކަމެއް އަޅިއަށް ވެގެން ދިޔައީ އެ ބިރުވެރި ހެނދުނެވެ. ގަރާޖުގެ ތެރޭގައި ޖާބިރުގެ ފުރާނަ ނެތް މަސްގަނޑު އޮތްއިރު، އާގިސާގެ ހަޅޭކުގެ އަޑު ރަށުގެ ކޮޅުން ކޮޅަށް އިވެމުން ދިޔައެވެ. އެކަމަކު، ޖާބިރުގެ މަރުގެ ޚަބަރާއެކު ރަށު ތެރޭގައި ދެކެވޭ ވާހަކަ ބަދަލުވިއެވެ. "އެއީ ނުލަފާ އަންހެނެކެވެ!" މީހުން ކިޔަން ފެށިއެވެ. "ޖާބިރު ފަދަ ރަނގަޅު މީހަކު އަމިއްލައަށް މަރުވާނެ ހެއްޔެވެ؟ އެއީ އެ އަންހެނާގެ ރޭވުމެކެވެ. "އާގިސާގެ ހިތާމަވެރި މޫނަކީ އޭނާގެ "ޝައިތާނީ" ރޭވުންތައް ފޮރުވަން އެޅި މާސްކެއް ކަމަށް" އެންމެން ގަބޫލުކުރިއެވެ.
ފުލުހުންގެ ތަހުގީގު ކޮޓަރީގައި އާގިސާ އިނީ ހިމޭނުންނެވެ. އެތައް ދުވަހެއްގެ ސުވާލުތަކަށްފަހު، އެންމެ ފަހުން އޭނާ ވާހަކަދައްކަން ފެށިއެވެ. އެއީ އޭނާގެ މައުސޫމް ދަރިފުޅު މި ދުނިޔެއާ ވަކިވިތާ ބަރާބަރު ދެ އަހަރު ފުރުނު ދުވަހެވެ. އޭނާ ތުރުތުރުއަޅާ އަތަކުން ދަބަހުގެ އެންމެ އަޑީގައި ފޮރުވާފައި އޮތް، ރޫޖެހި ބާވެފައިވާ "ސިޓީ" ނެގިއެވެ. ދެ އަހަރު ވަންދެން އޭނާ އެ ސިޓީ ހިތުގެ ވޭނާއެކު ރައްކާކުރީ މިއަދަށްޓަކައެވެ.
"ލޯބިވާ މަންމާއެވެ! މަންމަގެ ލޮލުން ވެއްޓުނު މުތީއަކީ އަހަރެން ކަމަށްވިޔަސް، މިއަދު އެ މުތީ ވަނީ މަންމަ ކައިވެނިކުރި ޖާބިރުގެ ވަހުޝީކަމުން ކިލަނބުވެފައެވެ. މަންމަ އަލުން ހޯދި އުފާވެރިކަން ގެއްލިދާނެތީ، އަހަރެންގެ އިއްފަތްތެރިކަން އޭނާ ފޭރިގަނެ، އަހަރެންގް ހަށިގަނޑު ކޮށާލިއިރުވެސް އަހަރެން ހަނުހުރީމެވެ. ކޮންމެ ރެއަކު އޭނާ އަހަރެންގެ ކޮޓަރިއަށް ވަދެ، އަހަރެންގެ ހުވަފެންތައް އަންދާ އަޅިއަށް ހަދާއިރުވެސް، މަންމަގެ ހިނިތުންވުމަށްޓަކައި އަހަރެން ކެތްކުރީމެވެ. ނަމަވެސް މަންމާއެވެ، މި ނުތާހިރުކަމާއި ރިހުމާއެކު ދިރިހުންނާނެ ހިތްވަރެއް އަހަރެންގެ ނެތެވެ. މަންމަގެ ލޮލުން މިއަދު އޮހޭ ކަރުނައަކީ އަހަރެންގެ މަރުގެ ހަދިޔާއެވެ
އާގިސާ އިއުތިރާފުވިއެވެ. އޭނާ "ނުލަފާ" މީހަކަށްވީ ދަރިފުޅަށް އިންސާފު ހޯދައިދޭށެވެ. ދަރިފުޅު ވަކިވިތާ ދެ އަހަރުވީ ދުވަހު އޭނާ ބަދަލުހިފީއެވެ. އޭނާ ޖާބިރަށް ޒަހަރުދީ، އޭނާގެ ހަށިގަނޑު ގުޑާނުލެވޭ ވަރުވުމުން، ދަރިފުޅުގެ ސިޓީގެ ކޮންމެ އަކުރެއް އޭނާއަށް އިއްވައި، އަމިއްލަ އަތުން ވަޅި ހަރާ މަރާލީއެވެ.
އާގިސާ ޖަލަށް ލެވުނެވެ. ޖަލުގެ ކުޑަ ގޮޅީގެ ކަނު އަނދިރީގައި، ކުޑަދޮރުން ފެންނަ ހަނދަށް ބަލަހައްޓައިގެން އިނދެ އާގިސާ ހިތާހިތުން ދަރިފުޅާ މުހާތަބުކުރިއެވެ
"ލޯބިވާ ދަރިފުޅާއެވެ! އެދުވަހު މަންމަ އުޅުނީ އޭނާގެ ދޮގު ލޯބީގެ ހިޔަލުގައި ނުހަނު އަރާމުގައެވެ. ނަމަވެސް ދަރިފުޅު އުޅުނީ އޭނާގެ ވަހުޝީ އަނިޔާގައި ނުހަނު ބޮޑު ވޭނުގައެވެ. މިއަދު ދަރިފުޅު އަރާމުގައި ނިދާލާށެވެ. ދަރިފުޅަށްޓަކައި މި މަންމަ މިއަދު މި ކުޑަ ގޮޅީގެ ވޭން އުފުލާނަމެވެ. އޭނާ ދުނިޔެ ދޫކުރީ ދަރިފުޅަށް ދިން ކޮންމެ ވޭނަކަށްވުރެ ބޮޑު ރިހުމެއްގައެވެ. ދަރިފުޅަށް އިންސާފު ހޯދައިދީފީމެވެ
އާގިސާގެ ލޮލުން ފޭބި އެންމެ ފަހުގެ ކަރުނަ ތިއްކަކީ، ދަރިފުޅަށްޓަކައި ވީ އިންސާފުގެ ގުރުބާނީއެވެ.
ނިމުނީ!
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!