މާލޭ ޓެކްސީ ލައިންގެ ޚިދުމަތްތަކަށް މިއަދުން ފެށިގެން ފީ ނަގަން ފަށައި، ވެބް އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ބުކިން ހެދޭނެ އިންތިޒާމު އެމްޓީސީސީން ހަމަޖައްސައިފިއެވެ.

މި ޚިދުމަތަކީ މާލެ ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ފަށާފައިވާ މުހިންމު މަޝްރޫއެކެވެ.

Ad
rt

އެމްޓީސީސީން ބުނިގޮތުގައި، މިއަދުން ފެށިގެން ކަސްޓަމަރުންނަށް ޚާއްޞަ ވެބް ޕޯޓަލް mtl.mtcc.mv މެދުވެރިކޮށް ނުވަތަ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެން ޓެކްސީ ބުކް ކުރެވޭނެއެވެ. ވެބްސައިޓުން ބުކް ކުރާ ފަރާތްތަކަށް ސީދާ ޕޯޓަލް ތެރެއިން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، ހޮޓްލައިން މެދުވެރިކޮށް ބުކް ކުރާ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް ޕޭމަންޓް ލިންކެއް ފޮނުވައިދޭނެއެވެ.

ދަތުރުތަކަށް ކަނޑައަޅާފައިވާ އަގުތައް

މާލޭ ޓެކްސީ ލައިންގެ ދަތުރުތަކަށް އަގުތައް ކަނޑައަޅާފައިވަނީ އެކި ސަރަޙައްދުތަކަށް ބަހާލައިގެންނެވެ. އެގޮތުން:

  • މާލެ، ހުޅުމާލެ ފިޔަވަހި 1 އަދި 2 ގެ އެތެރޭގެ ދަތުރުތަކަށް: 30 ރުފިޔާ
  • ހުޅުމާލެ ފިޔަވަހި 1 އިން ފިޔަވަހި 2 އަށް: 40 ރުފިޔާ
  • މާލެ އާއި ހުޅުލެއާ ދެމެދު ކުރާ ދަތުރުތަކަށް: 70 ރުފިޔާ
  • ހުޅުމާލެ ފިޔަވަހި 1 އާއި ހުޅުލެއާ ދެމެދު ކުރާ ދަތުރުތަކަށް: 80 ރުފިޔާ
  • މާލެ އާއި ހުޅުމާލެ ފިޔަވަހި 1 އާ ދެމެދު، އަދި ހުޅުލެ އާއި ފިޔަވަހި 2 އާ ދެމެދު: 85 ރުފިޔާ
  • މާލެ އާއި ހުޅުމާލެ ފިޔަވަހި 2 އާ ދެމެދު ކުރާ ދަތުރުތަކަށް: 100 ރުފިޔާ
މާލެ ޓެކްސީ ލައިންގެ ޓެކްސީ އެއް، ފޮޓޯ: އެމްޓީސީސީ

މާލެ ސަރަޙައްދުގެ ޓެކްސީގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ މި މަހުގެ 2 ވަނަ ދުވަހުއެވެ. ޚިދުމަތް ފެށުމަށްފަހު މި މަހުގެ 3 އިން 17 ވަނަ ދުވަހުގެ ނިޔަލަށް ދަތުރުތައް ކޮށްދީފައިވަނީ މުޅިން ހިލޭއެވެ.

އެމްޓީސީސީގެ އުންމީދަކީ މި ޚިދުމަތުގެ ސަބަބުން ރައްޔިތުންނަށް ފަސޭހަ، އިތުބާރުހުރި އަދި ހިތްހަމަޖެހޭ ދަތުރުފަތުރުގެ ތަޖުރިބާއެއް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ. މި އައު ނިޒާމާއެކު ޓެކްސީ ހޯދުމުގައި އާންމުން އުފުލަންޖެހޭ ތަކުލީފުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.