ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް އާއްމުން ކޮށްފައިވާ ޚަރަދު އަނބުރާ ދޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދު ތަންފީޒުކުރުމުގެ ގޮތުން، ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަނޑާލައިފިއެވެ.
މިކަމާ ގުޅޭ ތަފްސީލް ހާމަކުރައްވައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފްލެޓުތަކުގެ ވެރިންނަށް ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވަނީ، ފްލެޓުގެ ފިނިޝިންއާ ގުޅިގެން ކޮންމެ ފްލެޓަކަށް ކަނޑައަޅާފައިވާ 200,000 ރުފިޔާގެ ޑިސްކައުންޓު ނުދެވި އޮތް އަދަދުން، ފްލެޓުގެ ކުލީގެ ގޮތުގައި ނުދެއްކި ހުރި ފައިސާ އަންނަ ބުދަ ދުވަހުން ފެށިގެން އުނިކުރާނެ ކަމަށެވެ.
އެޗްޑީސީން ބުނި ގޮތުގައި، އެ އަދަދު އުނިކުރުމަށް ފަހު ފްލެޓުގެ ބާކީވާ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާއެއް ނެތް ނަމަ، ޑިސްކައުންޓަށްވާ ބައި، މަހަކު 5,300 ރުފިޔާ ހަމަވަންދެން ކުލި ދައްކަން ނުޖެހޭނެއެވެ. މިއާއެކު، ހިޔާ ފްލެޓުތަކުގެ ވެރިން ދެން ކުލި ދައްކަން ފަށަންޖެހޭނީ މެއި 1، 2028 އިން ފެށިގެންނެވެ.
ވައުދާ އެއްގޮތަށް ހިޔާ ފްލެޓްތަކުގެ މިލްކުވެރިންނަށް ދެ ލައްކަ ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެ
ކުލި ކަނޑާލި ނަމަވެސް، މި މުއްދަތުގެ ތެރޭގައިވެސް މެއިންޓަނެންސް ފީގެ ގޮތުގައި ކޮންމެ މަހަކު ދައްކަންޖެހޭ 1,000 ރުފިޔާ ދައްކަންޖެހޭނެ ކަމަށް އެޗްޑީސީން ވަނީ އަންގާފައެވެ. އެ ކުންފުނިން ބުނީ ކުރިއަށް އޮތް ދެ އަހަރުވެސް ފިނިޝިންގެ ޚަރަދު ހަމަވަންދެން ކުލި ދައްކަން ނުޖެހޭނެ ކަމަށެވެ.
ހިޔާ ޓަވަރުގެ ކޮންމެ އެޕާޓްމަންޓެއްގެ މަހު ކުއްޔަކީ 3,984 ރުފިޔާއެވެ. މެއިންޓަނެންސް ފީއާއެކު މީގެ ކުރިން ކޮންމެ މަހަކު އެޗްޑީސީއަށް 4,984 ރުފިޔާ ދައްކަން ޖެހެއެވެ.
މި ނިންމުމާއެކު ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!