މި ސަރުކާރުގެ އިޞްލާޙީ މަސައްކަތްތަކަކީ ޒާތީ ލުއިފަސޭހައަށް ކުރައްވާ ކަންކަން ނޫންކަމަށާއި، އެއީ ޤައުމީ މަސްލަހަތުގައި ކުރައްވާ މަސައްކަތްތަކެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ސަންގު ޓިވީގެ ޕްރޮގްރާމް "އެސްޕްރެސޯ ވިތު ރައީސް" ގައި ރޭ، ޒުވާނުންނާ މުޚާޠިބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad
d

ރައީސް މުޢިއްޒު ވިދާޅުވީ، ރައްޔިތުން ރައީސަކު އިންތިޚާބު ކުރަނީ އެ ރައްޔިތުންގެ ލާބައަށް މަސައްކަތްކުރެއްވުމަށް އެ ރައީސަކަށް އިތުބާރުކޮށްފައި ކަމަށެވެ. އަދި މި އިޞްލާޙުތަކަކީ ދުރާލާ ރޭވިގެން، ޤައުމަށް އެންމެ ފައިދާ ހުރި ކަންކަން އިސްކުރުމުގެ ނިޔަތުގައި ހުށަހަޅުއްވައި ތަންފީޒުކުރައްވަމުންގެންދަވާ ކަންތައްތަކެއް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ އިޞްލާޙުތަކާއި ޒުވާނުންގެ ބައިވެރިވުން

މިރޭގެ ޕްރޮގްރާމުގައި އެމަނިކުފާނު ވަނީ، ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ޚާއްޞަކުރުމަށް ހުށަހަޅުއްވާ އިސްލާޙާއި، އެޕްރީލް މަހު ބާއްވާ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން، މަޖިލީހުގެ އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ޚާއްޞަކުރުމަށް ހުށަހަޅުއްވާ އިޞްލާޙަކީ، ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާގެ މައްޗަށް ބަރޯސާވާނޭ އިޞްލާޙެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މަޖިލީހުގެ މެންބަރުންގެ ޢަދަދު އިތުރުވަމުންދާ ދިއުން އިޞްލާޙުކުރެއްވުމަށްވެސް ހުށަހަޅުއްވަން ވިސްނަވާކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ މިހާރުއްސުރެވެސް އެ ހުށަހެޅުންތަކާމެދު ފިކުރު ހިންގައި، އެ ކަންކަން ބައްޓަންކުރެވިދާނޭ ގޮތްތަކާމެދު ޒުވާނުންގެ މެދުގައި މަޝްވަރާކޮށް، ޒުވާނުންގެ އަޑު އިއްވުމަށް އިލްތިމާސްކުރެއްވިއެވެ.

ޒުވާނުން ބާރުވެރިކޮށްގެން، ޒުވާނުންގެ އެއްބާރުލުމާއި ބައިވެރިވުމާއެކު ޤައުމު ކުރިއަށްގެންދަވަން ބޭނުންފުޅުވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ އިޞްލާޙީ މަސައްކަތްތަކުން މި ބާރުވެރިކަމާއި ބައިވެރިވުމަށް ދޮރުތައް ހުޅުވިގެންދާނެ ކަމަށެވެ.

Ad
df

މި ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގަތެވެ.