ހުޅުމާލެ ފޭސް 2 ގައި ފުލުހަކަށް ހަމަލާދީ ރޭ ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން ރޭ ބުނީ ހުޅުމާލެ ފޭސް 2 ގައި ފުލުހަކަށް ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުން އަންނަކަމަށެވެ.

Ad
rt

''މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަނިޔާވެފައިވަނީ ފުލުސް މީހާގެ ރަސްމީ މަސައްކަތުގެ ތެރެއިންނެއްނޫން، މި ހަމަލާގައި އަނިޔާވި ފުލުސް މީހާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުން'' ފުލުހުން ބުނެފަވެއެވެ.

ފުލުހުން ބުނީ، މި މައްސަލައިގެ ވަށައިގެންވާކަންކަން ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަމުން އަންނަކަމަށެވެ. އަދި މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން، ތަހުގީގު ކުރިއަށްދާ މިންވަރަކުން މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު ހިއްސާކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހުޅުމާލެ ފޭސް 2 ގައި ފުލުހެއްކަމަށް ބުނާ މީހަކަށް އަނިޔާކޮށްފައިވާ މަންޒަރު ފެންނަ ވީޑިއޯ އެއް ރޭ މީސްމީޑިއާގައި ދައުރުވެފައިވާއިރު، އެމީހާ ފުލުހުންގެ ހިމާޔަތުގައި ގެންދާއިރު ބޮލުން ލޭ ފައިބަމުންދާ މަންޒަރު ފެނައެވެ.