ސަރުކާރުގެ ބޭސް ކުންފުނި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑުން ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ މެދުކެނޑުމެއް ނެތި ރަށްފުށަށް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމަށް އެންމެ މުހިންމު އެއް ކަަމަކީ ބޭހުގައި އޮންނަ ދެ ލިސްޓް ކަމަށްވާ ޒަރޫރީ ބޭހުގެ ލިސްޓާއި ހުއްދަ ދޭ ބޭހުގެ ލިސްޓަށް ބަލައިގެން ބޭސް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން އެރަށެއްގެ ހެލްތް ފެސިލިޓީތަކަށް ރިއާޔަތްކޮށް އެ ރަށަކަށް ބޭނުންވާ ހުރިހާ ބޭހެއް ރަށުގައި ހުރިކަން ޔަގީން ކުރުން އެއްކަމެއް ގޮތުގައި ކުރާ ކަމަށާއި، ހުއްދަ ދީފައިވާ ބޭހުގެ ލިސްޓަށް އިސްކަމެއް ދޭ ކަމަށް ވަޒީރު ވިދާޅުވި އެވެ.

"މި ސަޕްލައި ހަރުދަނާ ކުރުމާއި ނިޒާމު ވަރުގަދަ ކުރުމަށް މި ސަރުކާރުން މި ފަހަކަަށް ގެންނެވި އެންމެ ބޮޑު ކަމަކީ ސީދާ މިކަމަށް ފޯކަސް ކޮށްގެން މަސައްކަތް ކުރާނެ ކުންފުންޏެއް އުފެއްދުން، މިހާރު ކުންފުނީގެ މަސައްކަތް ފެށިގެން ކުރިއަށް އެބަދޭ، އެ ކުންފުނިން މިހާރު ބޭސް އެތެރެ ކުރުމުގެ މަސައްކަތް ފައްޓަވައިފި." ސިއްހަތާ ބެހޭ ވަޒީރު ނާޒިމު ވިދާޅުވެފަވެއެވެ.

ހިދުމަތް ހަރުދަނާ ކުރުމަށްޓަކައި ރާއްޖޭގެ ބޭސް ކުންފުންޏާއި ސްރީލަންކާގެ ބޭސް ކުންފުނި ގުޅިގެން ކުރެވިދާނެ މަސައްކަތްތައް ވެސް މިހާރު ބަލަމުން އަންނަކަމަށް ނާޒިމު ވިދާޅުވި އެވެ.

ރައްޔިތުންނަށް ފަސޭހައިން ބޭސް ލިބުމުގެ އިންތިޒާމުތައް ފަސޭހަކޮށްދިނުމަށްޓަކައި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި މި ކުންފުނި އުފައްދާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ.











Ad
rt