ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް ޖެއްސީ ކުރިން ހުއްދަ ނަގައިގެން އައި އެމެރިކާގެ ސިވިލް އުޅަނދެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގެ މަތިން ކޮންމެ ހަފުތާއަކު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ނިންމެވި ނިންމެވުމުގެ ދަށުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

Ad
rt

އެމެރިކާގެ ހަނގުރާމަމަތީ އުޅަނދެއް ވީއައިއޭއަށް ޖެއްސިކަމަށް ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެއީ ހަނގުރާމަމަތީ އުޅަނދެއް ނޫން ކަމަށާއި އެއީ ސިވިލިއަން އުޅަނދެއް ކަމަށެވެ.

އެ އުޅަނދަކީ މިދިޔަ ޖަނަވަރީ މަހުގެ 17 ވަނަ ދުވަހު ހުއްދަ ނަގައިގެން، ސީޝެލްސް އިން ފުރައިގެން އައިސް ރާއްޖޭގައި މަޑުކުރުމަށްފަހު ތައިލެންޑަށް ދިޔަ އުޅަނދެއްކަން އެމަނިކުފާނު ވަނީ ސާފުކޮށްދެއްވާފައެވެ.

މި ބައްދަލުވުމުގައި މެދުއިރުމަތީގެ މަސްރަޙާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މި ދަނޑިވަޅުގައި ޢަރަބި އިސްލާމީ ޤައުމުތަކުން މަސައްކަތްކުރަނީ އެއް ބްލޮކެއްގެ ގޮތުގައި އެކަތިގަނޑަކަށް ވެގެން ކަމަށެވެ. އަދި މި ހަމަނުޖެހުންތަކުގައި ގެއްލޭ ކޮންމެ މުސްލިމް ފުރާނައަކީ އިސްލާމީ އުންމަތަށް ލިބޭ ބޮޑު ގެއްލުމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވަޢުދުވެވަޑައިގެންފައިވާ ފަދައިން، ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ފެއްޓެވި ސިލްސިލާގެ ފުރަތަމަ ބައްދަލުވުމެވެ. މި ބައްދަލުވުންތައް މެދުކެނޑޭނީ ހަމައެކަނި ދަތުރުފުޅެއްގައި އުޅުއްވުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން ފަދަ ޝެޑިއުލަށް ބަދަލު އަންނަ ހާލަތްތަކުގައި ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.