މިނިވަން ޤައުމެއްގެ ގޮތުގައި ކުރިއަށް އޮތް ތަނުގައި ދެމިތިބުމަށްޓަކައި ތާރީޚަކީ އެންމެ ވަރުގަދަ އެއް ހަތިޔާރުކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޤައުމީ ތާރީޚްގެ ދުވަހުގެ މުނާސަބާގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވީ، މާޒީގެ ވާހަކަތަކުގެ އެންމެ ޖުމްލައަކުން، ދިވެހި ކާބަފައި ޒަމާނުގެ އެންމެ ތަޞްވީރަކުން، ނުވަތަ ފެންނާންހުރި ޤަދީމީ އެންމެ އާޘާރަކުންވެސް އެ ކިޔައިދެނީ އެތައްހާސް ވާހަކައެއް ކަމަށެވެ. އަދި އެ ތާރީޚީ ކަންކަމުން މަގުދައްކަނީ ޙަޔާތުގެ އެތައްއެތައް ޢިބްރަތަކާއި ޙިކްމަތަކަށް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހި ތާރީޚުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ދިވެހީން މި ވަޠަނުގައި އުޅޭތާ އެތައް ސަތޭކަ އަހަރެއް ވެއްޖެކަން ބުނެދިނީ ދިވެހި ތާރީޚު ކަމަށެވެ.
މީގެ އިތުރުން، އަމިއްލަވަންތަ މިނިވަން ޤައުމެއްގެ ގޮތުގައި، އަންނާން އޮތް ޒަމާންތަކުގައި ދިވެހިން ދެމިތިބުމަށް އޮތް އެންމެ އާރުލާ އެއް ސަބަބަކަށް ވާނީވެސް ދިވެހި ތާރީޚުކަމަށް ރައީސް ވިދާޅުވިއެވެ.
ޤައުމީ ތާރީޚު ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރަކުވެސް ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހެވެ. މި ދުވަހަކީ ދިވެހި ތާރީޚު ލިޔުއްވުމުގައި ބޮޑެތި ޚިދުމަތްތަކެއް ކުރެއްވި އަލްޤާޟީ ޙަސަން ތާޖުއްދީން އަވަހާރަވި ދުވަހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!