އިނގިރޭސިވިލާތުގެ ހައިކޯޓުން ކުރި ހުކުމަކަށް ބޯލަނބައި، "ޕަލަސްތީން އެކްޝަން" ޖަމާއަތާ ގުޅުންހުރި ކަންކަމުގައި މީހުން ވަގުތުން ހައްޔަރުކުރުމުގެ ބަދަލުގައި ހެކި އެއްކުރުމަށް އިސްކަންދޭން ނިންމާފައިވާ ކަމަށް ލަންޑަނުގެ މެޓްރޯޕޮލިޓަން ޕޮލިހުން ހުކުރު ދުވަހު ހާމަކޮށްފިއެވެ.
މި ނިންމުން ނިންމާފައިވަނީ، އިނިގރޭސިވިލާތުގެ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އެ ޖަމާއަތް މަނާކުރުމަށް އިނގިރޭސި ސަރުކާރުން ނިންމި ނިންމުމަކީ ޣައިރު ގާނޫނީ ނިންމުމެއް ކަމަށް ހައިކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ. ހައިކޯޓުގެ ފަނޑިޔާރުން ވިދާޅުވި ގޮތުގައި އެ ޖަމާއަތް މަނާކުރުމަކީ އިންސާފެއް ނޫނެވެ. އަދި އެ ޖަމާއަތުގެ ހަރަކާތްތަކަކީ، އެ ޖަމާއަތް މަނާކުރަންޖެހޭ މިންވަރަށް ނުވަތަ ދަރަޖައަށް ފެތޭ ކަންތައްތަކެއް ނޫން ކަމަށްވެސް ކޯޓުން ފާހަގަކޮށްފައިވެއެވެ.
އެހެންނަމަވެސް، މި މައްސަލައިގައި އިތުރު ގާނޫނީ ބަހުސްތަކެއް ކުރިއަށް ގެންދަން ޖެހޭކަމަށް ބަލާފައިވާތީ، އެ ޖަމާއަތް މަނާކޮށްފައި އޮތް އޮތުން ވަގުތީ ގޮތުން ދެމިއޮންނާނެއެވެ. އަދި އިނގިރޭސި ސަރުކާރުން ވަނީ ކޯޓުގެ މި ނިންމުން އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.
އިނގިރޭސި ވިލާތުގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ޖަމާއަތް މަނާކޮށްފައި އޮތް އޮތުން އަދިވެސް ދެމިއޮތުމާއެކު، 'ޕަލަސްތީން އެކްޝަން' އަށް ތާއީދުކޮށް ވާހަކަދެއްކުމާއި ހަރަކާތްތެރިވުމަކީ އަދިވެސް ޖިނާއީ ކުށެއް ކަމަށެވެ. ނަމަވެސް، ކޯޓުގެ ނިންމުމަށް އިހުތިރާމްކުރުމުގެ ގޮތުންނާއި ގާނޫނީ މަރުހަލާ މުޅިން ނުނިމޭތީ، މިވަގުތު މީހުން ހައްޔަރުކުރުމުގެ ބަދަލުގައި ފުލުހުން އިސްކަންދޭނީ ފަހުން ފިޔަވަޅު އެޅުމަށް ބޭނުންވާ ހެކި އެއްކުރުމަށެވެ.
"މިއީ ކޯޓުގެ ނިންމުމަށް އިހުތިރާމްކުރުމާއެކު، އަދި ގާނޫނީ މަރުހަލާ މުޅިން ނުނިމޭތީ، އަޅުގަނޑުމެންނަށް އެޅޭނެ އެންމެ އެކަށީގެންވާ ފިޔަވަޅު،" ފުލުހުންގެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން ފުލުހުން ސާފުކޮށްދީފައިވަނީ، މި އުސޫލަކީ ހަމައެކަނި އެ ޖަމާއަތަށް ތާއީދުކުރުމާ ގުޅޭ ކަންކަމުގައި އަމަލުކުރާނެ ގޮތް ކަމަށެވެ.
'ޕަލަސްތީން އެކްޝަން' މަނާކުރުމަށް ސަރުކާރުން ނިންމާފައިވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހު އެ ޖަމާއަތުގެ މެންބަރުން ރޯޔަލް އެއާ ފޯސްގެ ބޭހަކަށް ވަދެ، ދެ މަތިންދާބޯޓެއްގައި ކުލަ ޖެހި މައްސަލައިގައެވެ. މި ނިންމުން ކޯޓުގައި ގޮންޖަހާފައިވަނީ އެ ޖަމާއަތް އުފެއްދުމުގައި އިސްކޮށް އުޅުނު ހުދާ އައްމޫރީ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!